މައުމޫން އަނެއްކާ ވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފި

ތިން ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާ ވެސް ދޫނިދޫ ޖަލަށް މިރޭ ބަދަލުކޮށްފި އެވެ.
މި މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަމަ އެ ރޭ މައުމޫން ހައްޔަރުކޮށް، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ބަހައްޓާފައި ހުރީ ދޫނިދޫ ޖަލުގަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.
މައުމޫންގެ އާއިލާއިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ މާފުށީން އަނެއްކާ ވެސް ދޫނިދޫ ޖަލަށް މައުމޫން ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބެއް އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދޫނިދޫ ޖަލަށް މައުމޫން ބަދަލުކުރި އިރު ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ޖަލަށް ވަޑައިގެން މައުމޫނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ބައްލަވައި، ބަހައްޓާފައި ހުރި ތަނުގެ މައުލޫމާތު ވެސް ވަނީ އޮޅުން ފިލުއްވައިފަ އެވެ.
މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
ނަމަވެސް މައުމޫން ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
Raees Maumoon Dhoonidhoon Maafushee jalah badhalu koffi
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ