ސުޕްރީމް ކޯޓަށް ނުރައްކާކޮށް އެކޯޓުގެ ކަންކަމާ ނުބެހުމަށް އދގެ އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާ ވޯރކިންގ ގްރޫޕަކުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިއު ކޮށްފައިވާ އެ ގްރޫޕްގެ ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމަކީ ޖުޑިޝަރީއަށް ދެވުނު ހަމަލާއެއް ކަމަށެވެ.
"ފަނޑިޔާރުން ހައްޔަރު ކުރުމަކީ ރާއްޖޭގެ ޝަރުއީ ކޯޓުތައް މިނިވަންކަމާއި، ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށްވެސް އެޅުނު ހުރަހެއް" މި ބަޔާނުގައިވެއެވެ.
ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުންގެ މިނިވަންކަމުގެ މައްސަލަތަކާގުޅޭ، އދގެ ޚާއްސަ މަންދޫބު ގާސިއާ ސަޔާން ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރި މަގްސަދާމެދު އދގެ އިންސާނީ ހައްގުތަކާބެހޭ ތަޖުރިބާކާރުންގެ ގްރޫޕްގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ.
އިންސާނީ ހައްގުތަކާބެހޭ އދގެ ވޯކިންގ ގްރޫޕްގެ ޗެއަރ ހޯސޭ ގުއެވާރާ ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމާ ގުޅިގެން އެހެން ފަނޑިޔާރުންގެ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެވުނު "ސީދާ ހަމަލާ" ގެ ސަބަބުން އެ ކޯޓުގެ ސައްހަކަމާއި، މިނިވަންކަމަށް އޭގެ ހިޔަނި އެޅިފައިވާ ކަމަށްވެސް އދގެ އިންސާނީހައްގުތަކާ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ. އަދި ރާއްޖޭގެ އިންސާނީ ހައްގުތަކާއި، އަސާސީ މިނިވަންކަން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގާބިލްކަން ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމާމެދު ވަރަށް ސީރިއަސް ޝައްކުތަކެއް މިހާރު އުފެދިފައިވާ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.
"އިދިކޮޅު ނުވަ ލީޑަރުން މިނިވަންކޮށް، އެބޭފުޅުންގެ މައްޗަށް އަލުން ޝަރީއަތް ހިންގުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ 5 ދުވަސްފަހުން މިކަން މިކުރީ. ފަނޑިޔާރުން ހައްޔަރުކުރި ވަގުތުގެގޮތުން ވަރަށް ބޮޑަށް ޝައްކު އުފެދޭ" ސަޔާން ވިދާޅުވެފައި ވެއެވެ.
މި ބަޔާނުގައި ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު މުހަންމަދު ހައްޔަރު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ބާކީތިއްބެވި ފަނޑިޔާރުން، އިދިކޮޅު ނުވަ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލްކުރިކަން، ވަނީ ފާހަގަ ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މިނިވަންކުރުމަށް ސަރަހައްދުގެ އެންމެބޮޑު ބާރުކަމަށްވާ އިންޑިއާއިން ދިވެހި ސަރުކާރަށް ގޮވާލާފައި ވާއިރު، ރާއްޖޭގައި އިޢްލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި، ފަނޑިޔާރުން މިނިވަން ކުރުމަށް އދއާއި، އިނގިރޭސިވިލާތް، އެމެރިކާ އިންވެސް ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
ސުޕްރީމް ކޯޓަށް ނުރައްކާކޮށް އެކޯޓުގެ ކަންކަމާ ނުބެހުމަށް އދ.އިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ