އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ގއ. ވިލިގިލީ ދާއިރާގެ ވޯޓުލުން ފަސްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ، ގއ. ވިލިގިލީ ދާއިރާގެ ވޯޓުލުން ފަސްކުރީ، ގއ. ވިލިގިލީ އަތޮލު ކައިންސިލަށް ކުރިމަތިލާފައިވާ ފަރާތެއްގެ ކެންޑިޑެސީ ކޮމިޝަނުން ބާތިލް ކޮށްފައިވަނިކޮށް، ކެންޑިޑެސީ ބާތިލްނުވާ ކަމަށް ސުޕްރީމް ކޯރޓުން ނިންމުނާ ގުޅިގެން ކަމަށާއި، އެ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މަނިކު ވިދާޅުވީ އެ ދާއިރާގެ ވޯޓުލުން ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން ބުނީ، ޖުމްލަ 464 ވޯޓާރސް ލިސްޓްގެ ތެރެއިން، ސުޕްރީމް ކޯރޓުގެ ގައިޑްލައިންގައި ވާގޮތުގެ މަތިން ކެނޑިޑޭޓުން ސޮއިކޮށް ނިމިފައިވަނީ 81 ލިސްޓުގައި ކަމަށެވެ.މިފަހަރުގެ އިންތިޚާބުގައި ތަފާތު 268 ވޯޓު ކަރުދާސް ބޭނުން ކުރާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.
ރިޔާސީ އިންތިޚާބުގެ ބިލްތައް ނުދައްކައި ހުރުމުން، ވޯޓު ފޮށިތަކާއި، އިންތިޚާބަށް ބޭނުންވާ ސާމާނު އަތޮޅުތަކަށް ފޮނުވުމުގައި ދަތިތަކެއް ދިމާވި ނަމަވެސް، އިންތިޚާބަށް ބޭނުންވާ ސާމާނުތަކާއެކު އިލެކްޝަން ކޮމިޝަންގެ ޓީމްތައް މާދަމާ އަތޮޅުތަކަށް ފުރާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
ގއ. ވިލިގިލީ ދާއިރާގެ ވޯޓުލުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ