މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ގާނޫނީ ޓީމުގެ އިސް ވަކީލު މައުމޫން ހަމީދު މިވަގުތު ރާއްޖޭގައި ނެތުމުން ޝަރީއަތްތައް ނުބޭއްވުމަށް އެދި އެމަނިކުފާނު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ އިސްފަރާތެއް ގޮތުގައި އައްޔަން ކުރެއްވި ޤާނޫނީ ވަކީލު އަލްއުސްތާޛް މައުމޫން ޙަމީދު މިވަގުތު ހުންނެވީ އެމަނިކުފާނު ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މައްސަލައާ ގުޅިގެން އ.ދ ގެ ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރެއްވުމަށްޓަކައި ރަސްމީ ދަތުފުޅެއްގައި އެމެރިކާގައި ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި އެއްވެސް މައްސަލައެއް ހުށަހެޅިފައިވާނަމަ، މައުމޫން ޙަމީދު ދިވެހިރާއްޖޭގައި ނެތް ވަގުތެއްގައި އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ކޯޓްގައި ކުރިއަށް ގެންދިއުމަކީ އިޢުތިރާޟުކުރާ ކަމެއް ކަމުގައިވެސް އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
އަދި މައުމޫން ޙަމީދު ނެތް ވަގުތެއްގައި ރައީސް މައުމޫންގެ އެއްވެސް ޝަރީޢަތެއް ކުރިއަށް ނުގެންގޮސްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ ހަމަ މިމޭރުމުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.
ނަމަވެސް މި ހުރިހާ ތުހުމަތުތަކަކަށް ރައީސް މައުމޫން ވަނީ އިންކާރު ކުރައްވާފައެވެ.
މައުމޫން ނެތިގެން ޝަރީއަތްތައް ނުބާއްވަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ