ވޯޓު ސިއްރު ނުވާ ކަމަށް ބުނެ، ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓު ނުދޭނެ ކަމަށް ދެ ފުލުހަކު އިއުލާނުކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ލާ ވޯޓު ސިއްރު ނުވާ ކަމަށް ބުނެ، އެ އިންތިހާބުގައި ވޯޓު ނުލާން ނިންމައިފި ކަމަށް ދެ ފުލުހަކު އިއުލާނު ކޮށްފި އެވެ.
މި ގޮތަށް އިއުލާނު ކޮށްފައި ވަނީ ގއ. މާމެންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ މަގާމުގައި ހުންނެވި އަލީ ރިޔާޒާއި ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރައްވާ އަހުމަދު އިންގިޔާދު އެވެ. އޭގެ ތެރެއިން އަލީ ރިޔާޒު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިމާވި ހާލަތަކާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު 2020 ގައި ވޯޓު ނުލާން ނިންމައިފިން" ކަމަށެވެ.
އިންގިޔާދު އޭނާގެ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބު ތަކުގައި ދޭ ވޯޓަކީ ސިއްރު ވޯޓެއް ކަމަށް ގާނޫނު ތަކުގައި ބަޔާންކޮށްފައި ވީ ނަމަވެސް، އެ ވޯޓު ސިއްރު ނުވާ ހާލަތު މަދުން ނަމަވެސް ދިމާވާކަން ފާހަގަކުރެއްވޭ ކަމަށެވެ.
"ބަޔާން ކުރެވުނު ފަދަ ހާލަތެއް މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގަ އަޅުގަނޑުގެ ވަޒީފާގެ ގޮތުން އަޅުގަނޑަށް ވަނީ ދިމާވެފަ. އެހެންކަމުން މިފަހަރު ކައުންސިލް އިންތިހާބުގަ ވޯޓު ނާޅަން ނިންމައި އެކަން އާންމުކޮށް އިއުލާނު ކުރަމެވެ." އިންގިޔާދުގެ ފޭސްބުކް ޕޯސްޓު ނިންމަވައިލައްވަމުން ވިދާޅުވެފައި ވެއެވެ.
ރިޔާޒަކީ ގެމަނަފުށީ ބޭފުޅެކެވެ. ރިޔާޒް ވޯޓު ނުލައްވަން ނިންމެވީ މާމެންދޫގައި ހުންނަ ވޯޓު ފޮއްޓަށް ވޯޓުލާން ގެމަނަފުށީ އެހެން މީހަކު ރަޖިސްޓްރީ ނުކޮށްފި ނަމަ، އޭނާ ލާ ވޯޓު ސިއްރު ނުވާނެތީ ކަމަށް އެއާއިލާގެ މީހަކު ވަން އަށް ބުންޏެވެ. މި އިންތިހާބުގައި ގެމަނަފުށިން ވާދަކުރާ ކެންޑިޑޭޓުންނަށް ބަލާ އިރު، ރިޔާޒުގެ ތިމާގެ މީހުން އެމްޑީޕީ އަދި ޕީޕީއެމް ފަޅީންވެސް ވާދަކުރާ ކަމަށް ވަން އަށް މައުލޫމާތު ދިން އެ އާއިލާގެ މެންބަރު ބުންޏެވެ.
އިންގިޔާދަކީ ގއ. ކަނޑުހުޅުދޫ ބޭފުޅެކެވެ. އޭނާވެސް ވޯޓު ނުދެއްވަން ނިންމެވީ އޭނާ ވަޒީފާ އަދާކުރައްވާ ވިލިނގިލީގައި ހުންނަ ފޮއްޓަށް ވޯޓުލާން ކަނޑުހުޅުދޫ އެހެން މީހަކު ރަޖިސްޓްރީ ނުކޮށްފި ނަމަ އޭނާގެ ވޯޓު ސިއްރު ނުވާނެތީ ކަމަށް މައުލޫމާތު އެނގޭ މީހަކު ވަން އަށް ބުންޏެވެ.
މި މައްސަލައިގައި ސުވާލު ކުރުމުން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓުލާން ރަޖިސްޓްރީކޮށް ނިމުމުން، އެ މީހަކު ރަޖިސްޓްރީކޮށްފައި އޮންނަ ތަނެއްގެ ގޮތުން، ވޯޓު ސިއްރު ނުވާ ނަމަ، އެހެން ތަނަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އެފަދަ މީހުންނަށް ދެއްވާނެ ކަމަށެވެ. އަދި އެ ގޮތަށް ފާހަގަ ކުރެވޭ މީހުންނަށް ގުޅައި އިލެކްޝަނުން އެމައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ