ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރާނަން: ގާސިމް

ކުރިއަށް އޮތް އެއްވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނުގެ އަމިއްލަ ނޫހެއް ކަމަށްވާ މިއަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ދެ އިންތިހާބުގައި ވެސް ވާދަކުރެއްވީ ގައުމުގެ ތަރައްގީއަށް ދެކެވަޑައިގެންނެވި ބޮޑު ތަސައްވުރެއް ޔަގީން ކުރެއްވުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް ދެން ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށެވެ. "އަބަދުވެސް ކަންކަން ނިންމަވަނީ، ރައްޔިތުންނާއި ދިވެހި ގައުމަށް، އެންމެ ފައިދާ ހުރި ގޮތްތަކަށް ވިސްނަވައިގެން،" ތައިލެންޑުގައި ހުންނެވި ގާސިމް ވިދާޅުވި ކަމަށް މިއަދު ނޫހުގައިވެ އެވެ. ކުރިއަށް އޮތް ތަނުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަނުކުރެއްވި ނަމަވެސް، އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސީ ޕްލެޓްފޯމް ތަކުގައި ހިދުމަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންނަށް ގާސިމް ވަނީ މީގެ ދެ ދުވަސް ކުރިން އެދިވަޑައިގެންފަ އެވެ. އެ އިސްލާހު ފާސްވެ، ރައީސް ތަސްދީގު ކުރައްވައިފިނަމަ ގާސިމަށް ރައީސް ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަންނަ އަހަރު ގާސިމަށް 65 އަހަރު ފުރޭނެ އެވެ. ދެ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވި ގާސިމް 2008 ވަނަ އަހަރު ވަނީ 27،000 ވޯޓު ހޯއްދަވާފަ އެވެ. ސިޔާސީ ޕާޓީތައް ފުރަތަމަ ފަހަރަށް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި އެ އިންތިހާބުގައި ގާސިމް ވަނީ ހަތަރު ވަނަ ހޯއްދަވާފަ އެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 50,422 ވޯޓާއެކު ތިން ގާސިމް ހޯދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ