ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އާއި ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން މި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ދުރާލައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން އެކި އެއާޕޯޓުތަކާއި ހޮސްޕިޓާތަކުގެ އިތުރުން ރަށު ފެންވަރުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެކަމަށް ހާއްސަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމުކޮށްފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ހަތަރު އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ގާއިމުކޮށްފައިވާ ކަމަށް މި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ. އަދި ކޮރޯނާ ވައިރަސްގެ މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ މީހުންނަށް ހޮޓްލައިނެއް ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި މި ވައިރަސް އަށް ޝައްކު ކުރެވޭ މީހުން އުފުލުމަށް ހާއްސަ ތިން އެންބިއުލޭންސެއް ކަނޑައަޅައި، މި ވައިރަސް އާއި ގުޅޭ ކްލިނިކަލް ގައިޑްލައިން ހިމެނޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ތައްޔާރުކޮށްފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރިޒޯޓްތަކާއި ސަފާރީ އުޅަނދުތަކާއި އަދި އެ ނޫންވެސް ފަތުރުވެރިންނާ ގުޅޭ ހިދުމަތްދޭ ތަންތަނުން ކޮރޯނާ ވައިރަހާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މި ވައިރަހަށް ދުރާލައި ފިޔަވަޅު އެޅުމަށް އެއާޕޯޓުތަކުގައި ހާއްސަ ފިޔަވަޅު އެޅުމުގެ މުހިއްމުކަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކުން ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބޭފުޅުން ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީ އަދި ޓުއަރިޒަމް ދާއިރާގެ ކަމާބެހޭ ހުރިހާ ފަރާތްތައް ހިމެނޭ ގޮތުން ކޮރޯނާ ވައިރަސް އާއި ގުޅިގެން މަޝްވަރާ ބައްދަލުވުމެއް މީގެ ކުރިން ބާއްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ