ދަރަނބޫދޫގައި ކަރަންޓު ކަނޑައިލަން އިއުލާންކޮށްފި

ފ. ދަނރަބޫދޫ އިންޖީނުގޭގައި ހުރި އިންޖީނުތަކަށް ތެޔޮ އެޅޭނެ ގޮތެއް ނެތިގެން މުޅި ރަށުން ކަރަންޓު ކަނޑައިލަން އިއުލާންކޮށްފި އެވެ.
ރަށު ކައުންސިލްގެ ރައީސް މަހުމޫދު ރަޝީދު ވިދާޅުވީ އިއުލާން ކުރެއްވީ މާދަމާ ހެނދުނުން ފެށިގެން ރަށުން ކަރަންޓް ކަނޑައިލާ ގޮތަށް ކަމަށެވެ. މާދަމާ ކަރަންޓް ކަނޑައިލުމަށްފަހު އަލުން ރަށަށް އަލިކަން ގެނެސްދެވޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދަރަނބޫދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓް ކަނޑައިލަނީ އިންޖީނުތަކަށް ތެޔޮ އަޅާނެ މާލީ ތަނަވަސްކަން ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލަށް އިންޖީނުގެ ނުހިންގޭނެތީ އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާއި ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރަމުންގެންދާ ކަމަށެވެ.
"އިންޖީނުތަކަށް ތެޔޮއެޅޭނެ މާލީ ތަނަވަސްކަމެއް ނެތް. އަދި މިރަށު އިންޖީނުގެ ހިންގުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން މިހާރު މިއުޅެނީ އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާއި ހަވާލުކުރަން. އެކަމަކު ރައީސް އޮފީހުން ޔުޓިލިޓީޒް ކުންފުންޏަށް އަންގާފަވަނީ މިރަށު އިންޖީނުގެއާއި ހަވާލުވެގެން ނުވާނެކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އާބާދީގައި 400 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ ކަރަންޓާ ބެހޭ ގޮތުން ރަޝީދު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ސަރުކާރުގައި ދަންނަވާފައިވާކަމަށާއި ނަމަވެސް އެއްވެސް އިދާރާއަކުން ޖަވާބެއް ނުލިބޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ