ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެއިރުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ޓިނު ނެގި ވާހަކަދައްކަނީ އެ ދުވަހުގެ ބަޣާވާތުގެ ޙަޤީޤަތް އޮޅުވައިލުމަށް ކަމުގައި އެއިރުގެ ދިފާޢީ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ޢުމަރު މިފަދައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ކަމުގައި ދެކެވޭ ވާހަކަތައް އެއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަހުން އުއްތަމަފަނޑިޔާރުކަން ކުރެއްވި ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ދޮގުކުރެއްވުމާ ގުޅިގެންނެވެ. ޑރ.އަޙްމަދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ އަމުރުފުޅަށް ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ދޮގެކެވެ. ހަމައެހެންމެ ޑރ.އަޙްމަދު ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުންނާ ގުޅިގެން ލެޖިޓިމޭޓް، ނުވަތަ ޤާނޫނީ ގޮތުން ޞައްޙަ ސަރުކާރެއް ބަދަލުކުރުމަށް މަސައްކަތްކުރި މައްސަލައިގައި ތުހުމަތުވާ މީހުންގެ މައްސަލަ ބަލަންޖެހެއެވެ. އޭގެ އިތުރަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒުވަނީ އެ ދުވަހު ނެރުނު އަމުރަކީ ދެކޮޅު ޖެހޭ އަމުރެއް ނޫން ކަމުގައި ވިދާޅުވެފައެވެ. އާދަމް ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފެބްރުއަރީ 1 ގައި ރައީސް ޔާމީން ކުރެއްވި ކަމަކީ ޤާނޫނު އަސާސީ ނަގަހެއްޓެވުމުގެ މަސައްކަތް ކަމުގައެވެ. އަދި ފެބްރުއަރީ 1 ވަނަ ދުވަހުގެ އަމުރާ ގުޅިގެން ރައީސް ޔާމީން އަދާކުރެއްވި ޒިންމާއަކީ ޣާޒީގެ ލަޤަބު ޙައްޤުވެވަޑައިގަންނަވާ މިންވަރުގެ ޤައުމީ ޒިންމާއެއް ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. ހަމައެހެންމެ 1 ފެބްރުއަރީ އަމުރާ ގުޅިގެން ދިވެހި ސިފައިން ދެއްކެވީ ޤައުމަށް އިޚުލާޞްތެރިވުމުގެ ފުރިހަމަ ނަމޫނާއެއް ކަމުގައިވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓުގެ ޓިނު ނެގި ވާހަކަދައްކަނީ ބަޣާވާތުގެ ޙަޤީޤަތް އޮޅުވައިލަން: އާދަމް ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ