ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް

ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިލިޔަނަކަށްވުރެ އިތުރު އަދަދެކެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑު، އެސްޑީއެފަށް 1.2 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ.
ސޮވެރިން ފަންޑަށް 1.2 ބިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު، ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު %190 އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ، 3.2 ބިލިޔަން ރުފިޔާއެވެ.
ސަރުކާރުން މި އަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކުމުގައިވެސް ބޭނުންކުރީ އެސްޑީއެފް ފަންޑަށް ޖަމާކޮށްފައިވާ ފައިސާއެވެ. ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވެރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ، ޖަމާކުރަމުންނެވެ. އެއީ، އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓް ކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ