މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ބަންދުކޮށް، އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި މާލޭގެ ޓްރެފިކް ތޮއްޖެހިފައި އޮތް ވަރު ވަރަށް ރަނގަޅަށް ސާފުވި އެވެ. މާލޭގެ ވަށައިގެން އޮތް ބޮޑު މަގުގެ ބައެއް ބަންދުކުރުމުން، މުޅި މާލޭގެ ޓްރެފިކަށް ލޮޅުން އެރި އެވެ. ނަމަވެސް، އެ މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާލުމާ އެކު މާލޭގެ އެތެރޭގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
ބާޒާރުމަތީ ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ފަޅުން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކޮށް މިހާރު ވަނީ ތާރުއަޅައިގެން މަގު އަލުން ހަދައިފަ އެވެ. އެ މަގުގެ އެންމެ ފަހުން ހެދި ބައި އާންމު ދަތުރުފަތުރަށް ހުޅުވައިލީ އިއްޔެ ހަވީރު އެވެ.
ގާތްގަނޑަކަށް އެއް އަހަރު ދުވަހުން ނިންމާލި މި މަސައްކަތާ އެކު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް މިހާރު ވެސް ވަނީ ލިބިފަ އެވެ. ބާޒާރުމަތީ ސަރަހައްދުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް އަބަދުއަބަދު އިވޭ ބަރުގޮނުގެ އަޑުތައް ކެނޑިއްޖެ އެވެ. ކުރިއަށް ދެވޭނެ ގޮތެއް ނެތި ޓްރެފިކްގައި ތާށިވެގެން ތިބެންޖެހޭ ވަގުތު މަދުވެއްޖެ އެވެ. އެ ހުރިހާ ކަމެއް ހަނދާން ނެތި ހާސްކަމެއް ނެތި މިހާރު އެ ސަރަހައްދުން ދުއްވާލެވުމަކީ އެތައް އަހަރެއްވީ އުނދަގުލަކުން ސަލާމަތްވުމެކެވެ.
އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެއްކޮށް ނިމުމުން ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
"މާނައަކީ އެތެރޭގައި ހުރި މަގުތަކަށް އެ ހިސާބުން ވަރަށް ބޮޑު ލުޔެއް ލިބޭނެއޭ، މުދާ އުފުލުމާ މި ހުރިހާ ކަންތައްތަކަށް ވެސް ފަސޭހަވާނެ. ކުރިން ނަމަ އެ ސަރަހައްދަކީ، އެއް ނަންބަރު ފެށިގެން ގޮސް ހެންވޭރު ޓާމިނަލާ ހަމައަށް އެއީ ވަރަށް ބާރު ބޮޑު ސަރަހައްދެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"ދުވާލު ގަޑީގައި، ރަސްމީ ގަޑި ނަމަ، އެ ތަނުން ވަރަށް ގިނަ ވަގުތު ބައެއް ފަހަރު ނަގާ އެ ކުޑަ ތަންކޮޅު ކްރޮސް ކޮށްލަން ވެސް. އެހެންވީމަ އެ ލުއިކަން އެއްކޮށް ލިބިގެންދާނެ. އެތާ އެއްވެސް ގޮތަކަށް ޓްރެފިކް ނުޖެހޭނެ ކަމަށް މިހާރު މި ބަލަނީ."
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރު މަގުގެ އެ ސަރަހައްދަށް ޓްރެފިކް ބާރުބޮޑުވާ މައިގަނޑު އެއް ސަބަބަކީ މުދާ އުފުލާ ހެވީ ވެހިކަލްތަކާއި އެ މަގުން ދަތުރުކުރާ ބަސްތަކެވެ.
"ބޮޑުތަކުރުފާނު މަގަކީ ވެސް ބަސް ރޫޓެއް އޮންނަ މަގެއް. އެހެންވީމަ، ބަސް ވެސް ރަސްމީ ގަޑީގައި ހުރިހާ ދަތުރުތަކެއް ކުރާއިރުގައި އޭގެ ސަބަބުން އެ އަންނަ ޓްރެފިކް ކޮންޖެޝަން އެއްކޮށް ފިލައިގެނެއް ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ބައިވަރު މީހުން ރިސޯޓުތަކަށާއި ކައިރި ރަށްރަށަށް ދަތުރުކުރާ ހުރިހާ ލޯންޗު ފެރީތަކަށް މީހުން އަރައިފައިބާ ހުރިހާ ކަމެއް ހިނގާ ތަން މިއީ. އެހެންވީމަ، އެ ހުރިހާ ކަމެއް ހިނގާ ތަނެއް ވީމަ، އެހާ ބޮޑު ކޮންޖެޝަނެއް އުފެދެނީ."
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މަގު ޒަމާނީ ފެންވަރަށް ހަދައި ހުޅުވާލުމާ އެކު، ޓްރެފިކާއި މާލެ އަށް ލަފާފުރާ މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. ބޭރު މަގުގައި ތޮއްޖެހޭ ވަރު ކުޑަވުމަކީ އެތެރޭގެ ހުރިހާ މަގުތަކަށް އޭގެ ފަސޭހަކަން ލިބޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލަށް ހެދި ސަރަހައްދުގައި މަގުމަތީ ވެހިކަލް ޕާކްކުރުން މަނާކޮށްފައިވާއިރު، ބީއެމްއެލްގެ ހެޑް އޮފީސް ކުރިމަތީގައި އެއްފަހަރާ 500 ސައިކަލް ޕާކް ކުރެވޭނެ ޕާކިން ޒޯނެއް ހަދާފައިވެ އެވެ. މިއީ ވެސް މަގުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކާ ޕްލޭން ކުރެވިގެން ކޮށްފައިވާ މަސައްކަތެކެވެ. އަދި އެ ސަރަހައްދަށް ލަފައިފުރާ ލޯންޗު ފެރީތަކަށް ފަސޭހަކުރުމަށްޓަކާއި އެއްގަމުތޮށިން އިތުރު ޖާގަ ލިބޭނެ ގޮތް ވެސް ހަދާފައިވެ އެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު އަލުން ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޯގަސްޓް 21 ގަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގައި އެ ކުންފުނީގެ 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވީ މި މަސައްކަތް އެއްކޮށް ނިންމާލެވުނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
"މިހާރު ބޮޑު ޕްރޮޖެކްޓެއް، ޓައިމްލީ، ކޮލިޓީކޮށް ނިންމާލުމަށްޓަކާ ހުރިހާ މުވައްޒަފުން އެއް ރޫހެއްގައި ކުރި މަސައްކަތެއް މިއީ. އެއީ ސަކްސެކްސްއަކީ،" ސައުދީ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ މި މަޝްރޫއަކީ އެމްޓީސީސީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އޭގެ މައިގަނޑު އެއް ސަބަބަކީ އެއީ މާލެ ސަރަހައްދަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭ ކުންފުންޏަށް ވުން ކަމަށެވެ. އެ ކުންފުނިން ބަހާއި ޓެކްސީގެ ހިދުމަތް ވެސް މިހާރު ދޭއިރު، މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ހުރުން ވަރަށް މުހިންމުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް އޮންނަ ބަހުގެ ދަތުރުތައް ޑިލޭވާ މައްސަލަ ވެސް ބޮޑަށް ގުޅިފައި ވަނީ މާލޭގެ މަގުތަކުގެ ހުރި މައްސަލަތަކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ޓްރެފިކް ޕޮލިސްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ސައުދީ ވިދާޅުވީ ގިނަ ފަހަރަށް ބަހުގެ ދަތުރުތައް ޑިލޭ ވަނީ މަގުތަކުގައި ޓްރެފިކް ޖޭމްވެ، ބަހަށް ކުރިއަށް ނުދެވިގެން ކަމަށާއި މަގުތަކުގެ ޓްރެފިކް އޮންނަ ގޮތުން ބަހަށް ޖާގަ ދޭން ދަތިވާ ފަހަރު ވެސް ދިމާވާ ކަމަށެވެ. އެހެންވެ، މަގުތައް ޒަމާނީކުރުމުގެ މި ކަހަލަ މަޝްރޫއުތައް ވަރަށް މުހިންމުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވި ގޮތުގައި، މާލޭގެ ބަސްރޫޓުތައް ބަދަލުކޮށް، ޓްރެފިކަށް ލުއިވާނެ ގޮތަށް އަލުން އެކުލަވާލުމުގެ ޕްލޭނެއް ވެސް އެބައޮތެވެ.
"ބަސް ރޫޓަށް ބަދަލު ގެނައުމަށްޓަކާ މަޝްވަރާކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
"މިހާރު އެންމެ ބޮޑު މައްސަލައަކީ ގަޑިއަށް ބަސް ނުދިއުން. މިހާރު އިންނަނީ ކޮންމެ 10 މިނެޓަކުން ބަސް އަންނަ ގޮތަށް ރޭވިފައި. އެކަމަކު ޓްރެފިކް ބާރު ބޮޑުވެގެން 20-25 މިނެޓު ވެސް އެބަވޭ."
ސައުދީ ވިދާޅުވީ ބަސްރޫޓުތަކާއި ބަހުގެ ގަޑިތައް އެންމެފަހުން އެކުލަވާލީ 2022 ގައި ކަމަށާއި އޭގެ ފަހުން މާލޭގެ ޓްރެފިކަށް މިހާރު އައިސްފައިވާ ބަދަލުތަކާ އެކު އެ ހުރިހާ އެއްޗެއް ރިވިއުކުރަން ޖެހިފައިވާ ކަމަށެވެ. ހުޅުމާލެ 1 އާއި 2 ގެ އާބާދީ އިތުރުވާ ވަރަކަށް ބަހަށް ބަރޯސާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަން ހައްލުކުރަންށޭ ކިޔާފައި މާލޭގެ މަގުމައްޗަށް އަނެއްކާވެސް އެތައް ބައިވަރު ބަސްތަކެއް އިތުރުކޮށްފި ކަމަށް ވަންޏާ ހުސް ބަސް ދޯ އުޅޭނީ މަގުމަތީގައި. ކާރާއި ސައިކަލެއް ނުދުއްވޭނެ. އެހެންވީމަ ވަރަށް ކޮމްޕްލެކްސް ކަމެއް މިއީ. މި ހުރިހާ ކަމަކަށް ސޮލިއުޝަނެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ފިޔަވަހީގެ ދަށުން ނޯތު ހާބަރުން ފެށިގެން ވެސްޓް ޕާކާ ހަމައަށް އެ މަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ. އެ މަސައްކަތުގެ ސަވޭ އާއި ޑިޒައިންގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބާއި ސައުދީ ވެސް ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ އެއްކޮށް ހައްލުވާނީ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދައި، ޓްރެފިކް ފްލޯ ރަނގަޅަށް މޮނިޓާކުރެވިގެން ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު މިހާރު އޮތީ ފަށަން ތައްޔާރުވެފަ އެވެ. ސާވޭ އާއި ޑިޒައިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޗާލު މަގާ އެކު، މާލޭގެ ޓްރެފިކްގެ ހާސްކަމަށް ބޮޑު ލުޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ