މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ނަން އިއްވައި މަޖިލީހުން ނެރެފި

ފޮޓޯ: މރައްޔިތުންގެ މަޖިލިސް މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ޒުވާބެއްގައި އަޑުގަދަކޮށް މަޖިލީސް ހިންގަން އުދަނގޫވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނު އިރުވެސް އިވެނީ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ވަރަށް އަޑުގަދަކޮށް ވާހަކަފުޅުދައްކަވާ އަޑެވެ. ޖަލްސާ ފެށްޓެވި ގޮތަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތިން ހަތަރު ފަހަރަކަށް މެމްބަރު ޝަރީފަށް ދަންނަވައިފައެވެ. ނަމަވެސް މެމްބަރު ޝަރީފް އަޑުގަދަކުރެއްވުން ހުއްޓާ ނުލެއްވުމުން ނަން އިއްވައި ތަޅުމުން ބޭރަށް ނުކުންނަން ތަކުރާރުކޮށް އެންގެވިއެވެ. ނަމަވެސް ތަޅުން ދޫކޮށް ވަޑައިނުގެންނެވުމުން، މެމްބަރ ޝަރީފް ނެރުއްވުމަށް ސާރޖެންޓް އެޓް އާމްސްއަށް މަޖިލީހުގެ ރައީސް އެންގެވިއެވެ. ސާޖެންޓް އެޓް އާމްސް މެމްބަރު ޝަރީފް ޖަލްސާގެ ތަޅުން ދޫކޮށް ބޭރަށް ނުކުނެނެވުމަށް ދިޔައީ އިންކާރު ކުރައްވަމުންނެވެ. ނަމަވެސް ފަހުން ވަނީ އަމިއްލަ ފުޅަށް ޖަސްލާ ދޫކޮށް ވަޑައިގެންފައެވެ.
މެމްބަރު ޝަރީފް ތަޅުން ދޫކޮށް ބޭރަށް ވަޑައިގެންނެވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގައި ހިނގައި ދިޔަކަމަކީ މެމްބަރު ޝަރީފާއި އެހެން މެމްބަރަކާ ދެމެދު "ބަޣާވާތާ" ގުޅޭ ގޮތުން ހިލާފު އުފެދި ވަރަށްޖޯޝުގައި ހިނގާދިޔަ ޒުވާބެއް ކަމަށެވެ. މެމްބަރު ޝަރީފުގެ ނަން އިއްވި ހިސާބުން އަނެއް މެމްބަރު ތަޅުން ދޫކޮށް ވަޑައިގެންނެވުމުން އެމެމްބަރުގެ ނަން ނުއިއްވުނީ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް. ރައީސް ނަޝީދު ވިދާޅުވީ ހިލާފު އުފެދެނީ ރައްޔިތުންގެ ތެރޭގައި ވެސް ހައްސާސްކަންކަމުގައި ބަހުސް ކުރެވެމުންދާއިރުކަމަށެވެ. ބަހުސްކޮށް ގޮތްތައް ނިންމެމުންދާ ކަންކަމަކީ ޖީލުތަކަކަށް އަސަރުކުރާނެކަންތައްތައް ކަމަށެވެ.
"ވަރަށް ގިނަ ކަންކަމަކީ މާޒީގެ ފަތްފުށުގައި އެތައް ބައެއްގެ ހިތާމަވެރި ހަޔާތާ ގުޅިފައިހުރި ކަންތައްތައް. ކިތަންމެ ބައެއްގެ މުޅި ދިރިއުޅުން ބަރުބާދުވެފައިވާކަންކަން. އެހެން ވީމާ މިތަނުގެ ތެރޭގައި ވެސް އޭގެ ޖޯޝާއި އޭގެ ރޫޙު އެގޮތަށް އަޅުގަނޑުމެންނަށް  ފެނިގެން އެދަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ