ޒުވާން އަންހެނަކު ދެކެ ލޯބިވެ އަނބިމީހާ ވަރިކުރިއިރު 18 އަހަރުގެ އަންހެން ދަރިއަކު ހުއްޓެވެ. ދަރިފުޅުގެ ކިޔެވުމަށް ބޮޑެތި ޚަރަދުތައް ކުރަންޖެހޭއިރު އަނބިމީހާގެ ކިބައިގައި ތަނަވަސްކަން ނެތިފައި ފިރިމީހާގެ ކިބައިގައި ތަނަވަސްކަން ހުރުމުން އަންހެން ދަރިފުޅު އިޚްތިޔާރުކުރީ ބައްޕަގެ ގާތުގައި ހުންނާށެވެ.
މާމަ އާއި ކާފަވެސް ގަދަވެ ހެޔޮ ޙާލުގައި ތިބުމުން އެދެމީހުންނަށް އިތުބާރުކޮށްފައި އަނބިމީހާވެސް އެކަމަށް ރުހި ބައްޕައާއި ދަރިފުޅު ޙަވާލުކުރީއެވެ. ކިޔަވައިދޭނެ ތަނަވަސްކަން އަތުގައި ނެތުމުން އެގޮތަށް ކަންތައް ކުރަން މަޖުބޫރުވީއެވެ.
ޢިއްދަ ހަމަވިތަނާހެން އަންހެން މީހާއަށް ތަނަވަސް ފިރިއަކު ލިބުނެވެ. ބޮޑު ގެއްގައި އުޅެން ލިބުމުން ދަރިފުޅާއިމެދު ވިސްނިއެވެ. ދަރިފުޅުގެ ބައްޕައަށްވުރެ މިހާރުގެ ފިރިމީހާގެ ތަނަވަސްކަން ބޮޑުވެފައި ގެދޮރުވެސް މާރަނގަޅު ފެންވަރުގައި ހުރުމުންނެވެ. ނަމަވެސް އެވާހަކަ ފިރިމީހާގެ ގާތުގައި ދައްކަން ނުކެރިފައި ހުއްޓައި ކައިވެންޏަށް 2 ވަނަ ހަފްތާގައި އެވާހަކަ ދައްކަން އިސްނެގީ ފިރިމީހާއެވެ.
ބުންޏެވެ. "އަހުރެން ތިބާއާއި ކައިވެނިކުރީ ތިބާދެކެ ލޯބިންނެވެ. ވީމާ ހުރި އެންމެ ދަރިފުޅު ދެކެވެސް ހަމަ އެވަރަށް ލޯބިވަމެވެ. އަހުރެންގެ ތިބި 2 ދަރިން ދެކެ ތިބާވެސް ލޯބިވާ ފަދައިންނެވެ. މިގޭގައި އުޅެންޖެހޭނީ އަހުރެންގެ ދެދަރިން އެކަންޏެއް ނޫނެވެ. 3 ދަރިންނެވެ. ދަރިފުޅު އަންނަން ހުރިނަމަ ބަލައިދަމާ ހިނގާށެވެ. ފިރިމީހާއަށް އަހުރެން ފެނުމުން ދެކޮޅެއް ނުހަދާނެއެވެ. މިބުނަނީ ކުރިން ނުބުނެ އޮތް ވާހަކައެކެވެ. ފިރިމީހާ އަހުރެންގެ ފިހާރައިން ގެންގޮސްފައިވާ ތަކެތީގެ އަގަށް ދައްކަންޖެހޭ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން މައްސަލަ ޝަރީޢަތަށް ހުށަހެޅީތާ ކިތަންމެ ދުވަހެކެވެ. މިހާރު އަހަރަކަށްވުރެވެސް ގިނަދުވަސްވެދާނެއެވެ. ކުރިން އައީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ. އޭނާ އިޚްތިޔާރުކުރި ދިރިއުޅުން އެވަނީ އޭނާ ބަނގުރޫޓުކޮށްލައިފައެވެ. އަޑުއިވިފަ އޮތް ގޮތުން ލޯނު ނުދައްކާތީ ބޭންކުން އަންނަނީ ގެއަތުލަންވެސް މަސައްކަތްކުރަމުންނެވެ. ވީމާ ތިއަ ނުކުމެވުނީ އެގޭގައި އިންނަމަ ނުކުންނަން ޖެހިފައިވާ ގެއަކުންނެވެ."
ހަމަ އެދުވަހު ދެމަފިރިން ގޮސް ދަރިފުޅު ގެއަށް ގެނައީއެވެ. މިހާރު ދިރިއުޅެމުން މިދަނީ 3 ދަރިންނާއިއެކު ވަރަށް އުފަލުގައެވެ.
އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ބައިވަރު ސަބަބުތަކާ ހުރެއެވެ. އަނބިމީހާ ދެކެ ލޯބިވާނަމަ އޭނާގެ ދަރިންދެކެވެސް ލޯބިވާނެކަމާއި ޒުވާން އަންހެނުން ކުދިންނާ ހިތާވުމުން ބަނގުރޫޓުވާފަދަ ކިތަންމެ ކަމެކެވެ. އަޅުގަނޑު ކުރާ އަޅުކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެކަމަކު ﷲ ގެ ޙަޟްރަތުން ވާގިއެދުމުގަ ޘާބިތުވެ ހުންނަ އަންހެނަކަށް ދެރައެއް ނުދެވޭނެކަމާއި ދެރައެއް ދޭން އުޅުނަސް ބަދަލުގައި މާ ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާނެކަންވެސް ފާހަގަކުރަމެވެ.
- ސާދުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ތަޤްވާވެރި، ކުށެއްނެތް އަނބިމީހާ ނިކަމެތިކޮށްފިނަމަ އެއަންހެނަކަށް މާރަނގަޅު ގޮތްތައް މެދުވެރިވާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ