'އައްޗިކޮށް އުޅޭ' ފަތުރުވެރިންގެ ޝަކުވާއާއެކު، ރައީސް އެދިވަޑައިގަތީ ލޯކަލް ޓޫރިޒަމްގައި އިސްލާމީ ހަމަތައް ގެންގުޅެން
ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިންގާއިރު ފަތުރުވެރިން އުޅޭ ގޮތާ ގުޅޭ ގޮތުން ކުޑަކުދިންގެ ޝަކުވާ ލިބުމާ ގުޅިގެން، އެ ދާއިރާގައި އިސްލާމީ ހަމަތައް ގެންގުޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފިއެވެ. އއ. އުކުޅަހުގައި ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އުޅޭގޮތާ ގުޅޭ މެސެޖެއް، ކުޑަކުދިންގެ ފަރާތުން އެ މަނިކުފާނަށް ލިބިވަޑައިގެން ކަމަށެވެ. "ކޮއްކޮމެން ބޭނުން ބީޗަށް ދާން، އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް، ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" ކުރެހުމަކާ އެކު ކުޑަކުދިން ދިން މެސެޖުގައި ލިޔެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރުގައި ދިވެހީންގެ އިންތައް ހިފަހައްޓަން ވަރަށް ވިސްނަންޖެހޭ ކަމަށެވެ. އަދި، މުއްސަނދިކަން ހޯދަން މަސައްކަތް ކުރާއިރު، އެ މަސައްކަތުގައި ބަރަކާތް ލައްވާނީ އިސްލާމް ދީނުގައި ބުނެދޭ ހަމަތަކުގެ މަތިން ކުރިއަށްދިޔުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ދީނާއި ގަވައިދުތަކާ ޚިލާފަށް އަމަލުކުރާ ކަމުގެ ކަންބޮޑުވުން މިސާލަކާ އެކު ރައީސް ފާޅުކުރެއްވިއެވެ. ރައީސް މުއިއްޒު އުކުޅަހުގައި: އެ މަނިކުފާނު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ހިންގަންވާނީ ދީނީ ހަމަތަކުގެ ތެރެއިން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް "ރަށުގެ އިހުތިސާސް މިންކޮށްފައި 700 މީޓަރު އެޅޭ ހިސާބުގައި ސަފާރީއެއް ބާއްވައިގެން، އެއަށް ސިއްރު ސިއްރުން ގެސްޓުން ގެންގޮސް ރާވީއްކައި، ރާ ދީގެން އަނެއްކާ އަނބުރާ ރަށަށް ގެނެސް، މިކަހަލަ ކަންތައް ވެސް އެބަކުރޭ،" އެ މަނިކުފާނު ވިދާޅުވިއެވެ. ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގައި އެގޮތަށް ކަންތައް ކުރި ނަމަވެސް، އެއީ ހެއްދެވި ފަރާތަށް އޮޅުވާލެވޭނެ ގޮތެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް މުއްސަނދިކަން ހޯދުމުން ލިބޭ އެއްޗެެއްގައި ބަރަކާތްނުލައްވާނެކަން ރައީސް ތަކުރާރުކުރެެއްވިއެވެ. "މި ސިކުނޑި ތަރައްގީ ނުވަންޏާ ކިތަންމެ ބައިވަރު އިމާރާތްތަކެއް އެޅިޔަސް، މަގުތައް ހެދިޔަސް، ބީޗުތައް ހެދިޔަސް، ސްލިޕްވޭ ހެދިޔަސް، ބަނދަރު ހެދިޔަސް، އެއް ކަމެއް ކުރިޔަސް ކުރާނެ ފައިދާއެއް ނޯންނާނެ، އެއްވެސް ފައިދާއެއް ނޯންނާނެ، ކުޑަހިނދުކޮޅަކު ތިބޭ ދުނިޔެއެއް މިއީ. ދާން އޮތް މަންޒިލު ކަށަވަރު ނުކުރަންޏާ އަޅުގަނޑުމެންނަށް ވުރެ މޮޔަ ބަޔަކު އެބަތިބިތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، މުއްސަނދިކަން ހޯދާއިރު މަސައްކަތްކުރަނީ ރަނގަޅު މަގުގައިތޯ ބަލަން ޖެހޭނެ ކަމަށާއި އުކުޅަހުގެ ރައްޔިތުންނާއި ލޯކަލް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެންމެން ވެސް ރީތި ހަމަތަކުގެ މަތިން އިސްލާމް ދީނުގައި ވާގޮތަށް ކުރިއަށް ދިޔުމަށް ރައީސް ނަސޭހަތް ދެއްވިއެވެ. "މި ސަރުކާރު އޮންނާނީ ފުރިހަމައަށް ތި ބޭފުޅުންނާ އެކީގައި އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަދި ހަމަ ޔަގީން އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ގަބޫލުކުރާނެ ހަމައަކީ މި ދެންނެވި ގޮތް، އެހެންވީމާ އެ ގޮތުގައި ކުރިއަށް ދިޔުމަށް އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަން،" އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.42 މިލިއަނަށް ފަތުރުވެރިން އައިސްފައިވާއިރު، އޭގެ ތެރޭގައި 21.9 ޕަސެންޓް ހިއްސާކުރަނީ ގެސްޓްހައުސްތަކަށް ދިޔަ ފަތުރުވެރިންނެވެ. އެއީ، 310,857 ފަތުރުވެރިން ކަމަށްވާއިރު، 1.04 މިލިއަން ގޮސްފައިވަނީ ރިސޯޓުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ