ޗައިނާ ސެންޓްރަލް މިލިޓަރީ ކޮމިޓީގެ މެމްބަރު އެޑްމިރަލް ވު ޝެންގްލީ ރާއްޖެ ވަޑައިގެންފި

ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރު އަދި ނޭވީ ކޮމާންޑަރު، އެޑްމިރަލް ވު ޝެންގްލީ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގަންނަވައިފި އެވެ. ވު ޝެންގްލީއަށް، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޑައިރެކްޓަރޭޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. އެޑްމިރަލް ވު ޝެންގްލީގެ މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދުގައިވާ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރުމުގެ މަޤްސަދުގައި ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެޑްމިރަލް ވު ޝެންގްލީ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފްގެ ވެބްސައިޓުގައި ހާމަކޮށްފައި ވެއެވެ. ވު ޝެންގްލީ މިދަތުރުފުޅުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރުމަށް ހަމަޖެހިފައި ވާއިރު، ޗައިނާ ސަރުކާރުން ރާއްޖޭގައި ބިނާކޮށްފައިވާ ޤައުމީ ދާރުލް އާސާރަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެއެވެ. އެޑްމިރަލް ވު ޝެންގްލީގެ މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ އަންގާރަދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ