ވަޅުލާފައި ހުއްޓާ އަތުލައިގަތް ޑްރަގްގެ މައްސަލަ ގައްދޫ ކޯޓުން ވެސް ބޭރުކޮށްލައިފި

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާ ކުރި ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލައިފިއެވެ. 
ލޯންޗަކުން ގެނެސް ޑިންގީއެއްގައި ފަޅު ރަށަށް ބަލައި، އެ ރަށުގައި މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ އަތުލައިގަނެ ފުލުހުން ހިންގި ތަހުގީގަށްފަހު ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެ ދައުވާތައް ދައުލަތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. 
ނަމަވެސް އެ މައްސަލަ ބެލުމުގެ އިހްތިސޯސް ކުރިމިނަލް ކޯޓަށް ނެތް ކަމާއި އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށް ހިނގާފައިވާ ސަރަހައްދުގެ ކޯޓަށް ކަމަށް ކުރިމިނަލް ކޯޓުން ނިންމައި މައްސަލަ ބޭރުކޮށްލިއެވެ. އެހެންވެ ފަޅު ރަށުގެ އިހްތިސޯސް ހިމެނޭ ސަރަހައްދަކީ ގދ. ގައްދޫ ކަމަށްވާތީ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ދައުލަތުން ވެއްދިއެވެ. 
ނަމަވެސް އެ ކޯޓުން ވެސް ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށްލީ ދައުވާ އުފުލުމުގެ މުއްދަތު ހަމަވި ފަހުން މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާތީ ކަމަށް ނިންމުމުގައިވެއެވެ. 
ކުރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން އެ ނިންމުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފެއް ނުކުރެއެވެ. އެހެންވެ ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅަން ވާނީ އެ ނިންމުން އިސްތިއުނާފު ކުރުމަށްފަހު ކަމަށް ވެސް ގައްދޫ ކޯޓުގެ ނިންމުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ