ބައިޑެންއަށް އެޑްރެސްކޮށް ރައީސްގެ މޭޒުކޮޅުމަތީގައި ޓްރަމްޕް ބޭއްވި ސިޓީގެ ވާހަކަ

ވެރިކަމުގެ ދައުރު ހަމަކުރައްވާ ވަޑައިގަންނަވާ ރައީސް، އަލަށް ވެރިކަމާ ހަވާލުވެވަޑައި ގަންނަވާ ރައީސަށް އެޑްރެސްކުރައްވައި ނޯޓެއް ނުވަތަ ސިޓީއެއް ދެއްވުމަކީ އެމެރިކާގައި އާދަކާދައިގެމަތިން ކުރާ ކަމެކެވެ.
އެގޮތުން، ވައިޓްހައުސް ދޫކުރައްވާ ވަޑައިގަންނަވާ ރައީސްގެ ނޯޓު ނުވަތަ ސިޓީއެއް ބާއްވަނީ ވައިޓްހައުސްގައި ހުންނަ އެމެރިކާގެ ރައީސްގެ އޮފީސް ހުންނަ އިމާރާތުގައި "އޯވަލް އޮފީސް" ގެ ނަމުން ނަންދީފައި ހުންނަ ޚާއްސަ އޮފީހުގެ ސީދާ ރައީސްގެ މޭޒުކޮޅު ނުވަތަ ރިސޮލިއުޓް ޑެސްކްމަތީގައެވެ.
އެނޯޓު ނުވަތަ ސިޓީ އުރައިން ކަނޑުއްވައި ވިދާޅުވާނީ، ޚުދު އަލަށް އޮފީހަށް ވަޑައިގަންނަވާ ރައީސް އަމިއްލަފުޅަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތުންނާއި، ރިޔާސީ އިންތިޚާބުގެ ބަލި ޓްރަމްޕް ގަބޫލު ނުކުރެއްވުމާއި، އަދި ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައިވެސް ޓްރަމްޕް ބައިވެރިވެވަޑައި ނުގަތުމުން ގިނަމީހުން ހީކުރީ، ޓްރަމްޕް އެފަދަ ނޯޓެއްވެސް ނުބާއްވާނޭ ކަމަށެވެ.
ސަބަބަކީ، ޓްރަމްޕް ގަބޫލުކުރައްވާ ގޮތަކީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އޭނާކަމަށް ވުމުންނެވެ. އަދި ޖޯ ބައިޑެންއަށް އިންތިޚާބު ކާމިޔާބުކުރެވުނު ކަމަށް ބުނަނީ ވޯޓު "ވަގަށްނަގައިގެން" ކަމަށް ޓްރަމްޕް ގަބޫލުކުރައްވާތީއެވެ.
އެމެރިކާގެ ގަޑިން ބުދަދުވަހުގެ މެންދުރު 12:00 ގައި ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވިއިރު، ޑޮނަލްޑް ޓްރަމްޕް، އޯވަލް އޯފީހާއި އަދި ވައިޓްހައުސްވެސް ދޫކުރައްވައި އާއިލާއާއެކު ވޮޝިންޓަނުން ފުރާވަޑައިގެންނެވީ ބައިޑެން ހުވާކުރެއްވުމުގެ 3 ގަޑިއެއްހާއިރު ކުރިންނެވެ.
ބައިޑެން ހުވާކުރެއްވުމުގެ ވަގުތު ގާތްވަމުން އަންނަނިކޮށް، ބައިޑެންއަށް އެޑްރެސް ކުރައްވައި ޓްރަމްޕް، އޯވަލް އޯފީހުގައި ހުންނަ ރައީސްގެ މޭޒުކޮޅުމަތީގައި ސިޓީއެއް ބޭއްވިކަމުގެ ޚަބަރުތައް ފެތުރިގެންދިޔައެވެ.
ނަމަވެސް، ސިޓީ އުރައެއްގައި ބަންދުކޮށްފައި އޮތުމުން އޭގައިހުރި ވާހަކަތަކެއް އެކަކަށްވެސް ނޭނގުނެވެ. ހުރެދާނެކަމަށް ހީވާ ވާހަކައެއްވެސް ބުނެދޭކަށް ނޭނގުނެވެ. އެއީވެސް، ކަންކަން ހިނގައިދިޔަ ގޮތުންނެވެ.
ރައީސްގެ މޭޒުކޮޅުމަތީގައި ޓްރަމްޕް ބޭއްވި ސިޓީ އުރައިން ކަނޑުއްވައިގެން ވިދާޅުވީ ޚުދު ރައީސް ޖޯ ބައިޑެންއެވެ.
ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން، ނޫސްވެރިންގެ ހާޟިރުގައި އެގްޒެކެޓިވް އަމުރުތަކުގައި ސޮއިކުރައްވަން އޯވަލް އޮފީހުގައި ރައީސްގެ މޭޒުކޮޅުގައި އިންނަވައިގެން ބައިޑެންވަނީ ޓްރަމްޕްގެ ސިޓީގެ ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ، ކުރީގެ ރައީސް ޓްރަމްޕްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވީ "ވަރަށް ދީލަތި ސިޓީއެއް" ކަމަށެވެ.
އެހެން ނަމަވެސް، ޓްރަމްޕަށް ކުރައްވާ އިހްތިރާމެއްގެ ބޮޑުކަމުން، މިދަނޑިވަޅުގައި އެ ސިޓީގައި ހުރި ވާހަކަތައް ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ބައިޑެން ވިދާޅުވިއެވެ.
އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، ބައިޑެންއަށް ލިއުއްވި ސިޓީ، ޓްރަމްޕް އޭނާގެ ގިނަ އެހީތެރިންނަށްވެސް ދައްކާފައެއް ނުވެއެވެ. އެހެންކަމުން، އޭގައި ލިޔެފައި ހުރި ވާހަކަތަކެއް އެމީހުންނަކަށްވެސް ނޭނގެއެވެ.
ޓްރަމްޕްގެ ސިޓީއާ ގުޅޭގޮތުން މިހާރުގެ ޕްރެސް ސެކްރެޓަރީއާ ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވީ، އެއީ ޓްރަމްޕްގެ އަމިއްލަފުޅު ސިޓީއެއް ކަމަށާއި، އެ ސިޓީއާ ގުޅޭގޮތުން މިވަގުތަށް ހަމަކުރެވެންއޮތީ ރައީސް ޖޯ ބައިޑެން ވިދާޅުވި ވަރަށް ކަމަށެވެ.
2017 ވަނަ އަހަރު އޮބާމާ، ޓްރަމްޕަށް އެޑްރެސް ކުރައްވައި ބޭއްވި ސިޓީގައި ހުރި ވާހަކަތަކުން ކުރި އަސަރެއްގެ ބޮޑުކަމުން ޓްރަމްޕް ވަގުތުން އޮބާމާއަށް ފޯނުން ގުޅުއްވަން މަސައްކަތް ކުރެއްވިއެވެ. އޭރު އޮބާމާ ވައިޓްހައުސްއިން ނުކުމެވަޑައިގެން ދަތުރުކުރައްވަމުން ގެންދެވީ މަތިންދާ ބޯޓުގައެވެ. ޓްރަމްޕްގެ ކޯލް މިސްވީއެވެ.
އޮބާމާގެ ސްޓާފުން ފަހުން ވައިޓްހައުސްއަށް ގުޅުމުން ވައިޓްހައުސްގެ ސްޓާފުން ވިދާޅުވީ، ޓްރަމްޕް ސީދާ އޮބާމާއަށް ފޯނުން ގުޅުއްވީ، އޮބާމާ ބޭއްވި ސިޓީގައި ހުރި ވާހަކަތަކަށް ޝުކުރު އަދާކުރެއްވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ