އުނގެނުމަށް ވަކި އުމުރެއް ނެތްކަން ދައްކުވައިދޭ އިންޑިއާގެ 'މާމަމެންގެ' ސްކޫލް
އެއީ އިންޑިއާގެ މަހާރަޝްތުރާގައި ހުންނަ އަންހެން ދަރިވަރުންނަށް ހާއްސަ ސްކޫލެކެވެ. ފިޔާތޮށި ސާރީއަކީ ޔުނިފޯމުކަމުގައި ހަމަޖައްސާފައިވާ އެސްކޫލުގައި ލިޔަން ކިޔަން ދަސްކޮށްދެ އެވެ. ނަމަވެސް ގިނަ ސްކޫލުތަކާ ހިލާފަށް އެސްކޫލަށްދާ އެންމެ ހަގު ދަރިވަރުގެ އުމުރަކީ 60 އަހަރެވެ. އެއީ މަހާރަޝްތުރާގެ އާޖަބައިޗީ ޝާލާ ނުވަތަ 'މާމަމެންގެ' ސްކޫލެވެ. އެއް ގޮތަކަށް ހެދުން އަޅައިގެން އަދި ހަމަ އެއް ވައްތަރެއްގެ ދަބަސް އަޅުވައިގެން އެސްކޫލަށްދާ 29 ދަރިވަރުންނަކީ ހަމަ އެއް ކަހަލަ ސަބަބުތަކާ ހެދި ޅަ އުމުރުގައި ތައުލީމު ހާސިލު ނުކުރެވުނު އަންހެނުންނެވެ. ފަގީރުކަމުގެ ސަބަބުން ނުވަތަ އާއިލާތެރޭގައި ދެ ޖިންސުގެ ކުދިންނާ މެދު ތަފާތު ކުރުންތައް ގެންގުޅުމުގެ ސަބަބުން ފިރިހެން ކުދިން ސްކޫލަށް ދިޔަ އިރު އަންހެން ކުއްޖާ ގޭގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުންނެވެ. އެ އަންހެން ކުދިން ބޮޑުވީ އަމިއްލަ ނަންވެސް ލިޔާނެ ގޮތެއް ނޭނގި އެވެ. ނަމަވެސް މަހާރަޝްތުރާގެ ޕްރައިމަރީ ސްކޫލެއްގެ ޓީޗަރެއް ކަމަށްވާ ޔޮގެންދުރާ ބަންގަރު ވަނީ ކުޑައިރު އުނގެނުމުގެ ފުރުސަތު ނުލިބުނު އެއަންހެނުންނަށް އެފުރުސަތު އަނެއްކާވެސް ހޯދައިދިނުމުގެ މަގުސަދުގައި ދުވަސްވީ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭ ސްކޫލެއް މިދިޔަ އަހަރު ހުޅުވާފަ އެވެ. މާމަމެންގެ ސްކޫލުގެ ދަރިވަރުން ކްލާސްރޫމުގައި -- ފޮޓޯ: ސަތްޔާކީ ގޯޝް "އަންހެނުންނަކީ މުޅި ގެއަށް އަލި ކަމާއި އިލްމު ގެނެސްދޭ ބައެއް. އެހެންކަމުން އަންހެނަކަށް އުނގަންނައިދިނުމަކީ މުޅި އާއިލާއަށްވެސް އުނގަންނައިދިނުން،" ބަންގަރު ވިދާޅުވި އެވެ. ހެޔޮ އެދޭ ފަރާތްތަކުން ދިން ހިލޭ އެހީ ބޭނުންކޮށްގެން ވުޖޫދަށްގެނައި މާމަމެންގެ ސްކޫލަށް އެއް އަހަރު ފުރުން މިއަދު ފާހަގަ ކުރާ އިރު، އެސްކޫލުގެ ދަރިވަރުންނަށް މިހާރު ބައެއް ބަސްތައް ކިޔައި، ހިސާބު ހަދައި، އަމިއްލަ ނަން ލިޔަން އެނގެ އެވެ. އެއީ މީގެ އެއް އަހަރު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެސްކޫލުގެ 60 އަހަރާއި 90 އަހަރާ ދެމެދުގެ ދަރިވަރުން ބުނެ އެވެ. ބަންގަރު ވިދާޅުވި ގޮތުގައި އެސްކޫލުގެ ސަބަބުން އަވަށުގެ ދުވަސްވީ އަންހެނުންނަށް ލިޔަން ކިޔަން އެނގުމުގެ އިތުރުން، އަވަށުގެ އަންހެނުންގެ މެދުގައި އޮތް ގުޅުން ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އަދި ސްކޫލަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޮޑު ހަފްލާއެއް ބޭއްވުމަށް ރާވާފައިވާ ކަމަށާއި އެހަފްލާއަށް އެހެން އަވަށްތަކުން 500 މީހަކު އަންނާނެ ކަމަށާއި އޭގެ ތެރޭގައި 100 'މާމަ'މެންވެސް ހިމެނޭނެ ކަމަށް ބަންގަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ