ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަތޮޅުގެ ސްކޫލްތަކުގައި ފަށައިފި

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލުތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އއ. އަދި އދ. އަތޮޅުގެ ސްކޫލުތަކަށް ޚާއްސަކޮށްގެން ސްކޫލު އެޑޮޕްޝަން ފްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ފަށްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ. މި ޕްރޮގްރާމްގެ ދަށުން ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި މަހަކު އެއްފަހަރު ބައްދަލުކުރެވި، މަހުން މަހަށް ސްކޫލުތަކުގެ ނަތީޖާތައް އަޅާ ކިޔައި، މި ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މި ސިޔާސަތުގެ ދަށުން ކުދިންނަށް ސާނަވީ ތަޢުލީމު ނިންމުމުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގޮތްތަކެއް ހޯދައިދިނުމެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ޚާއްސަކޮށްގެނެވެ.
ކ. އަތޮޅުގެ ސްކޫލުތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަތޮޅަށް ފެށިއިރު، ސްކޫލުތަކުގެ ނަތީޖާ ރަނގަޅުކުރުމުގެ މި ޕްރޮގްރާމް މިދިޔަ ހަފްތާ ބަންދުގައި އައްޑޫ ސިޓީގައި ވެސް ވަނީ ފަށާފައެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކާމިޔާބުކޮށްފަ ނޫނީ ހުއްޓައެއްނުލާނަން. އެޑިއުކޭޝަން، ސްކޫލުގެ އިސްވެރިން އަދި ބެލެނިވެރިންނާއި ގުޅިގެން މި މަސައްކަތް ކާމިޔާބު ކުރާނަން" މިނިސްޓަރ ވިދާޅުވިއެވެ.
މި ތިން އަތޮޅުގެ އިތުރުން ހދ. ނ. ބ. އަދި ލ އަޮތޮޅުގެ ސްކޫލުތަކަށް މިއަހަރުގެ ތެރޭގައި ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ