މިނިވަންކަން ދެމެހެއްޓުމަކީ ބައެއް ފަހަރު މިނިވަންކަން ހޯދުމަށް ވުރެ ބުރަ ކަމެއް - މައުމޫން

ލިބިފައިވާ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމަކީ، މިނިވަންކަން ހޯދުމަށްވުރެ ބައެއް ފަހަރަށް ބުރަ ކަމަކަށް ވެދާނެ ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިވަން 50 އާއި ގުޅިގެން ރައީސް މައުމޫން ދެއްވި ޚިތާބުގައި ވަނީ 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، މި ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަން ގެއްލުމުގެ ބިރު ހީވާފަދަ ބައެއް ކަންތައްތައް ތަޖުރިބާ ކުރަން ޖެހިފައިވާކަން  ފާހަގަ ކުރައްވާފައެވެ.
އެގޮތުން 1980 ވަނަ އަހަރު ބޭރުގެ ކުލީ ސިފައިން ބޭނުންކޮށްގެން ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ދިވެހިންގެ ބަޔަކު ރޭވި ނާކާމިޔާބު ރޭވުމާއި ނޮވެމްބަރު ތިނެއްގެ ހާދިސާ ރައީސް މައުމޫން ވަނީ ފާހަގަ ކުރައްވާފައެވެ.
ވީމާ މިފަދަ ކަންކަމަށް ހުޝިޔާރުވެ ތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
"މިފަދަ ކަންތައްތައް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެ ތަޖްރިބާކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހުޝިޔާރުކަމާއެކު ފާރަވެރިވެތިބުމަކީ، އަޅުގަނޑުމެން އެންމެންގެ ޤައުމީ ވާޖިބެކެވެ."، ޚިތާބުގައި ވެއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ބޭރުގެ ހަތިޔާރުއެޅި ލަޝްކަރަކުން ނުވަތަ ޖަމާޢަތަކުން ދޭ ޙަމަލައެއްގެ ސަބަބުންކަމަށް ނުވިޔަސް، މިނިވަންކަމަށް ބުރޫއަރާފަދަ ކިތަންމެ ކަމެއް ކުރިމަތިވެދާނެ ކަމަށެވެ.
"އޭގެތެރޭގައި، ޤައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި، ރައްޔިތުން ބައިބައިވެ، ޤައުމުގެ އެއްބައިވަންތަކަން ގެއްލިގެންދިޔުން ހިމެނެއެވެ." ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ، ޤައުމުގައި އޮތް ދީނީ ވަޙްދަތު ގެއްލި، ހައްދުފަހަނައަޅާފައިވާ އޮއިވަރުތަކުގެ ބާރު ގަދަވުމާއި، އިޤްތިޞާދީގޮތުން ބޭރުގެ ބޮޑެތި އިޤްތިޞާދީ ބާރުތަކުގެ ނުފޫޒުގެ ދަށުވުމަކީވެސް މިނިވަންކަމަށް ބުރޫ އަރާފަދަ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ބޭނުންނަމަ، ދިވެހިން ތިބެންޖެހޭނީ، މިހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެން ކަމަށާއި، މިފަދަ ކަމެއް ރާއްޖެއަށް މެދުވެރިވިޔަ ނުދިނުމަށް، ނުހަނު ވަރުގަދަ ޢަޒުމަކާއެކު ކަމަރު ބަނދެގެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ