ބޯކޯ ޙަރާމްގެ އަމަލުތަކުގެ ސަބަބުން ނައިޖީރިއާގެ ކުޑަކުދިންގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ކުދިން ސްކޫލް ތަޢުލީމުން މަހުރޫމް ވެފައިވާކަމަށް ޔުނިސެފުން ޢާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
އދގެ ކުޑަކުދިންނާއި ބެހޭ ޖަމްއިއްޔާ، ޔުނިސެފުން ޢާންމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ހައްދުފަހަނަ އަޅާފައިވާ ބޯކޯހަރާމުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ނައިޖީއިއާ އާއި އެޤައުމުގެ އަވައްޓެރި އެހެންޤައުމުތަކުގެ ބައެއް ސްކޫލްތައް ބަންދު ކޮށްފައިވާ ކަމަށެވެ. މިގޮތުން، ނައިޖީރިއާ، ޗާޑް، ކެމަރޫން ގެ 2000 އަށް ވުރެ ގިނަ ސްކޫލް ބަންދުކޮށްފައިވާކަމަށާއި، މީގެ އިތުރުން މި ޤައުމުތަކުގައި ހުރި އެތައް ސަތޭކަ ސްކޫލެއް ބޯކޯ ޙަރާމް ޖަމާއަތުން އަންދާލާ، ނުވަތަ ލޫޓުވާލާފައިވާކަމަށް ވެސް ޔުނިސެފްގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
"މީގެ ސަބަބުން އެތައް މިލިއަން ކުދިންނެއް ތަޢުލީމުން މިވަނީ މަހުރޫމްވެފައި. ބޯކޯ ހަރާމް ޖަމާޢަތުގެ އަމަލު ތަކުގެ ސަބަބުން އަހަރަކަށްވުރެ ގިނަ ދުވަހު ސްކޫލަށް ނުގޮސް އެތައް މިލިއަން ކުދިންނެއް ތިބި އިރު، އެކުދިންނަށް ދެން ސްލޫކަށް ދެވޭނީ ކޮން އިރަކުން ކަމެއްވެސް ނެނގޭ. މިއީ މި ޤައުމުތަކުގެ މުސްތަގްބަލަށް އެޅިގެންދާ ހުރަހެއް" ޔުނިސެފްގެ ވެސްޓް އެންޑް ސެންޓަރަލް އެފްރިކާ ގެ ރީޖަނަލް ޑިރެކްޓަރ މެނުއެލް ފޮންޓެއިން ވިދާޅުވިއެވެ.
ބޯކޯ ހަރާމް ޖަމާއަތުގެ ހަމަލާތަށް ސީދާ ކުޑަކުދިންނަށް އަމާޒު ކުރަމުންދާއިރު، ސްކޫލްވެށިންވެސް ކުދިންނަށް މިފަދަ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރަށްޓަކައިވެސް ގިނަ ބެލެނިވެރިން ވަނީ އެމީހުންގެ ދަރިން ސްކޫލަށް ފޮނުވުން ހުއްޓާލައިފައެެވެ. "ނައިޖީރިއާގެ އުތުރުގައި ދިރިއުޅޭ ގިނަ ބެލެނިވެރިންތަކެއް ވަނީ އެމީހުންގެ ކުދިން ސްކޫލަށް ފޮނުވުންވެސް ހުއްޓާލައިފަ. ސްކޫލް މާހައުލުގައިވެސް ކުދިންނަށް އަމާޒުވެދާނެ ހަމަލާއަކަށް ބެލެނިވެރިން ބިރުގަނޭ" ނައިޖީރިއާގައި ސުލްހަ ޤާއިމްކުރުމަށް ހަރަކާތްތެރިވާ ޖަމްއިއްޔާއެއް ކަމަށްވާ ޗޮއިސް ފޯރ ޕީސް އެންޑް ޖެންޑަރ ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ، ހަފްސާ މުހައްމަދާއި ހަވަލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.
2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ބޯކޯ ހަރާމް ޖަމާއަތުގެ ހަމަލާތަކުގެ ސަބަބުން ނައިޖީރިއާ ގައި މަރުވެފައިވާ މީހުންގެ އަދަދު 20000 އަށް އަރާއިރު، 2.3 މިލިއަން މީހުން ވަނީ އެމީހުން ދިރިއުޅުތަން ނޫން އެހެން ތަންތަނަށް ބަދަލުވެފައެވެ. ގިނަ ސްކޫލްތަކާއި ކިޔަވައިދޭތަންތަން ރެފިއުޖީ ކޭމްޕްތަކަށް ބަދަލުކޮށްފައިވާއިރު 800000 އަށް ވުރެ ގިނަ ކުޑަކުދިން މިތަންތަނުގައި ދިރިއުޅެއެވެ.
ނައިޖީރިއާގެ މިލިއަނަކަށްވުރެ ގިނަ ކުދިން ސްކޫލް ތައުލީމުން މަހުރޫމްވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ