ރާއްޖޭގެ ތައުލީމީ ނިޒާމަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާއިއެކު ރާއްޖެ ވެގެންދާނީ، 14 އަހަރުގެ ހިލޭ ސްކޫލް ތަޢުލީމު ފޯރުކޮށްދެވޭ މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ތަހުޒީބު މުޖްތަމަޢަކަށް ބޭނުންވާ ތަރުބަވީ ތަޢުލީމާއި ތަމްރީނަށް އަމާޒުކޮށްގެން، 2015 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ޕްރީސްކޫލް ތަޢުލީމް ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުގެ ސްކޫލްތަކުން ޕްރީސްކޫލް ތަޢުލީމް ދޭން ފެށުނ ކަމަށެވެ.
ހަމައެއާއެކު، ޢުމުރުން 18 އަހަރު ވަންދެން ނުވަތަ ގްރޭޑް 10ގެ ތަޢުލީމަށްފަހު، އިތުރު 2 އަހަރުގެ ސްކޫލް ތަޢުލީމު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް މިވަނީ ފަށާފައި. މިބަދަލާއެކު ރާއްޖެ ވެގެންދާނީ، 14 އަހަރުގެ ހިލޭ ސްކޫލް ތަޢުލީމު ފޯރުކޮށްދެވޭ މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށް."
ރައީސް ޔާމީން ވިދާޅުވީ ޢަރަބި އިސްލާމީ ތަޢުލީމު ރާއްޖޭގައި ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން މިހާރު ރާއްޖޭގެ 48 ސްކޫލެއްގައި ޢަރަބިބަސް ކިޔަވައިދެމުން ގެންދާ ކަމަށެވެ.
"އަލަށް އެކުލަވައިލެވުނު ޓީޗަރުންގެ އޮނިގަނޑުގެ ދަށުން، ޓީޗަރުންގެ މުސާރައަށް މިދިއަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެނެވި، މިދިއަަ އަހަރު ނިމުނުއިރު، އެ އޮނިގަނޑުގެ ދަށުން ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ހުރިހާ ޓީޗަރުންވަނީ ތަމްރީނުކުރެވިފައި. އަދި ޓީޗަރުން ޑިގްރީ ފެންވަރަށް ގެންދިއުުމުގެ 10 އަހަރު ދުވަހުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މިއަހަރު ފެށިގެންދާނެ."
ރައީސް ޔާމީން ވިދާޅުވީ ތަޢުލީމީ ދާއިރާގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، އެއްވެސް ކުއްޖަކު ބާކީނުކޮށް، ޢުމުރުން 18 އަހަރުވަންދެން ނުވަތަ އެކުއްޖަކަށް ވަޒީފާގެ ބާޒާރަށް ނުކުމެ ވަޒީފާ އަދާކުރެވޭނޭފަދަ ޤާބިލުކަމެއް ލިބެންދެން ތަޢުލީމުގެ ކޮންމެވެސް ހަރުފަތެއްގައި ނުވަތަ ގިންތިއެއްގައި ގެންގުޅުން ކަމަށެވެ.
ރާއްޖެ ވެގެންދާނީ، 14 އަހަރުގެ ހިލޭ ސްކޫލް ތަޢުލީމު ފޯރުކޮށްދެވޭ މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ