ހުމާމް މެރުމަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން މިރޭ ތާއީދުކޮށް، ހުކުމް ދަމަހައްޓައިފި އެވެ.
ރޭ 1:35 ހާއިރު ފެށިގެން ކުރިޔަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ ހުސައިން ހުމާން މަރަން ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމް ބާތިލުކުރަން ޖެހޭ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިރޭ ސުޕްރީމްކޯޓުން ވަނީ ކްރިމިނަލް ކޯޓުން ހުމާމް މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމަކީ ޝަރުޢީ އަދި ޤާނޫނާއި އެއްގޮތަށް ކުރި ހުކުމެއް ކަމަށް ކަނޑައަޅާފައެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ހުމާމް ކުށަށް އެއްބަސްވި އެއްބަސްވުމަކީ އަމިއްލަ ރުހުމާއި އިހްތިޔާރުގައި ހުރެ ވެފައިވާ އިއުތިރާފެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މީހެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އެ ބަސް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ފިގުހު އިލްމުވެރިން ވިދާޅުވާ ކަން ވެސް އުއްތަަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ކްރިމިނަލް ކޯޓުން ހުމާމް މަރަން ހުކުމް ކޮށްފައި ވަނީ 2014 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށެވެ.
ހުމާމް މެރުމަށް ކުރި ހުކުމް ތާއީދުކޮށް އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާއިން މިރޭ ހުކުމް ކުރިޔަސް ހުމާމަށް މަރުގެ އަދަބުން އަދިވެސް ސަލާމަތް ވެވިދާނެ އެވެ. ސަބަބަކީ ހުމާމަށް މަރުގެ އަދަބު ދިނުމުގެ ކުރިން އަފްރާޝީމްގެ ވާރިސުންގެ ބަސް އަލުން ހޯދަންޖެހޭނެތީ އެވެ. އަލުން ބަސް ހޯދާއިރު، އެންމެ ވާރިސަކު ވެސް މަރުގެ އަދަބު ދޭން ދެކޮޅު ހަދައިފި ނަމަ ހުމާމް މަރުގެ އަދަބުން ސަލާމަތްވާނެ އެވެ.
ހުމާމްގެ ކިބައިން މަރަށް މަރު ހިފަން މިވަގުތު ބޭނުން ނުވާ ކަމަށް ބުނެ އަފްރާޝީމްގެ ދެ ވާރިސަކު މިރޭ ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިޔަސް އެ ސިޓީ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ