ދައުވާތަކާއި ބެހޭގޮތުން ވާހަކަދެއްކި ކަމަށްބުނެ އުމަރު ހައްދަވަނީ އިތުރުފުޅު-މުހުތާޒު

17 އަހަރުގެ ޖަލުހުކުމެއް މިހާރު ޖަލުގައި ތަންފީޒުކުރަމުންދާ މުހުތާޒު މުހުސިން އާއި ބެހޭގޮތުން މީޑިއާގައި އުމަރު ދައްކަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމިން ހައްޔަރު ކުރުމަށް ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަން ސާބިތުވެ 17 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މުހުތާޒް މުހުސިން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ދައުވާތަކާއި ބެހޭގޮތުން ވާހަކަދެއްކި ކަމަށް ބުނެ އުމަރު ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.
"އަޅުގަނޑު މަގާމުގައި ހުރިއިރު ކުރީގެ ހޯމް މިނިސްޓަރާ ބައްދަލުކޮށްފައި ވާނީ ހަމައެކަނި ރަސްމީ ދެ ބޭނުމެއްގަ އެވެ. އެ ދެ ބައްދަލުވުމަކީ ވެސް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އެދުމަށް ބޭއްވުނު ބައްދަލުވުންތަކެވެ،" ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި , ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ގޯސް ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނަށް ދެންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދައްކަވާ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ މުހުތާޒު ނެރުއްވި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އުމަރުގެ ބޭނުމަކީ ސިޔާސީ މަންފާ އެއް ހޯއްދެވުން ކަމަށެވެ.
އަދި ކުރިން ކޮށްފައިވާ ވިޔާނުދާ ކަންކަމާއި ބުނެފައިވާ ބަސްތައް ފޮރުވަން، ޖަވާބުދާރީ ނުވެވޭ ފަދަ ހާލަތުގައި ތިބޭ ފަރާތްތަކާ ބެހޭ ގޮތުން މީޑީއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރު ފަތުރާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެ މުހްތާޒް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.
"ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފޯނު މެދުވެރިކޮށް އަޅުގަނޑާއި ކުރައްވާފައި ވަނީ އެންމެ މުއާމަލާތެކެވެ. އެއީ، އަޅުގަނޑު މަގާމާ ހަވާލުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އަޅުގަނޑަށް ފޮނުވާފައިވާ ޓެކްސްޓް މެސެޖެކެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ކަމަކާ ބެހޭގޮތުން ކުރައްވަވާފައިވާ މެސެޖެއް ކަމުން އޭގެ ތަފްސީލް ކޮންމެހެން ހާމަކުރުން މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ،" މުހްތާޒް ވިދާޅުވި އެވެ.
އުމަރު ވިދާޅުވެފައިވަނީ ސިޔާސީ ބޭފުޅުންނަށް ކުރެއްވި ޖަލު ހުކުމާއި ބެހޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް އަރިހުގައި ފޯނުން އެވާޙަކަ ދެންނެވުމަށްފަހު ސިޓީއަކުންވެސް ދަންނަވާފާއި ވާނެ ކަމަށެވެ. ނަމަވެސް މުހުތާޒު ވިދާޅުވަނީ އުމަރުގެ ބޭނުމަކީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އަގުވައްޓާލާ ސިޔާސީ މަންފާ އެއް ހާސިލް ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ