ޓްރާންސް އޭޝިޔާގެ މަތިންދާ ބޯޓެއް އެއް އިންޖީނުގެ އެހީގައި ޖައްސައިފި

ޓްރާންސް އޭޝިޔާ އެއަރވޭޒްގެ މަތިންދާ ބޯޓެއް އެއް އިންޖީނުގެ އެހީގައި އެއަރޕޯޓަށް ޖައްސައިފިއެވެ.
26 މީހުންނާއެކު ޓައިވާންގެ ޓައިޕޭއިން ފުރައިގެން މެގޮންގްއަށް ދަތުރުކުރަނިކޮށް ޓްރާންސް އޭޝިޔާ އެއަރވޭޒްގެ އޭޓީއާރް 500-72 މަރުކާގެ މަތިންދާ ބޯޓް ކުއްލި ހާލަތުގައި އެއަރޕޯޓަށް ޖެއްސީ، ބޯޓުގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުން ތެޔޮ ލީކުވަނިކޮށް ޕައިލެޓަށް ފެނިގެންނެވެ.
އެއަރލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއް އިންޖީނުން ތެޔޮ ލީކްވަނިކޮށް ޕައިލެޓަށް ފެނުމާއެކު، އެފަދަ ހާލަތެއްގައި އަމަލުކުރަން ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ޕައިލެޓް ވަގުތުން އިންޖީނު ނިވާލީ ކަމަށެވެ.
ޓައިވާންގެ އެއަރލައިނެއް ކަމަށްވާ ޓްރާންސް އޭޝިޔާ އެއަރވޭޒްގެ މަތިންދާ ބޯޓެއް، އިންޖީނުން ތެޔޮ ލީކްވެގެން ކުއްލި ހާލަތުގައި ޖެއްސިއިރު، އެ އެއަރލައިންގެ ސަލާމަތީ ރައްކާތެރިކަމާމެދު ގިނަގުނަ ސުވާލުތަކެއް އުފެދިފައި ވެއެވެ. ފާއިތުވީ 15 މަސްދުވަހުގެ ތެރޭގައި އެ އެއަރލައިންގެ ދެ މަތިންދާ ބޯޓެއް ވެއްޓި 91 މީހުން މަރުވެފައި ވެއެވެ.
ޓައިޕޭ އެއަރޕޯޓުން ނައްޓާލުމާއެކު ކައިރީގައި ހުރި ބްރިޖެއްގައިޖެހި، ޓްރާންސް އޭޝިޔާގެ މަތިންދާ ބޯޓެއް މިއަހަރުގެ ފެބްރުއަރީމަހު ކޯރަކަށް ވެއްޓިފައި ވެއެވެ. 53 މީހުނާއެކު ދަތުރުކުރި އެބޯޓުން ސަލާމަތްވީ އެންމެ 15 މީހުންނެވެ.
މިދިޔަ އަހަރުގެ ޖުލައިމަހުވެސް، އޭޓީއާރް 500-72 މަރުކާގެ މަތިންދާ ބޯޓެއް، މެގޮންގްގައި މީހުން ދިރިއުޅޭ ގެތަކެއްގެ މައްޗަށް ވެއްޓިފައި ވެއެވެ. 54 މީހުންނާއެކު ދަތުރުކުރި އެބޯޓުން ސަލާމަތްވީ އެންމެ ދިހަމީހުންނެވެ.
ޓްރާންސް އޭޝިޔާ އެއަރވޭޒްގެ މަތިންދާ ބޯޓްތައް ވެއްޓުމާއި، އެހެނިހެން ހާދިސާތައް ހިނގާފައިވަނީ ޕައިލެޓުންގެ އިހުމާލުންކަން ތަހްގީގުތަކުން ހާމަވުމާ ގުޅިގެން، ޓައިވާންގެ އޭވިއޭޝަން މައި އިދާރާއިންވަނީ، ޕައިލެޓުންގެ ތަމްރީނު ވަރުގަދަކޮށް، އަސާސީ ޓެސްޓައްވެސް ޕައިލެޓުން ލައްވައި ހެއްދުމަށް ޓްރާންސް އޭޝިޔާ އެއަރވޭޒްއަށް އަމުރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ