އީދު ނަމާދަށް ސްޓޭޑިއަމް ހިމެނޭ ޝަރަހައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތް ފުލުހުން އާންމުކޮށްފި

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލޭގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހުމާއި ގުޅިގެން ބޮޑު ޖަމާޢަތުގައި ނަމާދުކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތް ފުލުހުން އާންމުކޮށްފިއެވެ.
އެގޮތުން ޓްރެފިކަށް ބަންދުކުރެވޭނެ މަގުތަކާއި ގޯޅިތަކަކީ އަމީނީމަގު، މާފަތްތަކުރުފާނުމަގުން ފެށިގެން (ސްޓޭޑިއަމް ޤިޔާސުއްދީން ސްކޫލް ކަންމަތިން) ހަނދުވަރީ ހިނގުމާއި ހަމައަށް, ބަޑިފަސްގަނޑު ހިނގުން (ޓްރެފިކް ޕޮލިސްގެ އިރުމަތީމަގު) ، ބުރުޒުމަގު ކަންމަތިން ފެށިގެން ދެކުނަށް އަމީނީމަގާއި ހަމައަށް, ކޯރުކެނޑިމަގު (އިސްކަންދަރުކޮށީގެ އިރުމަތީމަގު) ، ބުރުޒުމަގު ކަންމަތިން ފެށިގެން ދެކުނަށް އަމީނީމަގާއި ހަމައަށް, ހިލާލީމަގު (އިލެކްޝަން ކޮމިޝަން އިދާރީ ހުންނަ މަގު) ، ބުރުޒުމަގު ކަންމަތިން ފެށިގެން ދެކުނަށް އާޒާދީހިނގުމާއި ހަމައަށް އަދި އުޖާލާހިނގުން (އެފް.އޭ.އެމް ގޯޅި) ހިލާލީމަގުން ފެށިގެން ހަނދުވަރީ ހިނގުމާއި ހަމައަށެވެ.
ސްޓޭޑިއަމް ސަރަޙައްދުގައި ޕާކްކުރުމަށް ހަމަޖެހިފައިވާ ގޮތާއި ޕާކްކުރެއްވުމަށް ވަޑައިގަންނަވާނެ ގޮތަކީ ދެ ފުރޮޅުލީ އުނޅަދުތައް ޕާކްކުރުމަށް ހަމަޖެހިފައިވަނީ ކުރެދިގޯޅި (ސްޓޭޑިއަމްގެ އިރުމަތީމަގު، އެމްއާރު.ޑީ.ސީ އޮފީސް ގޯޅި) އާއި ކުޅިވަރު އެކުވެންޏާއި ގިޔާސުއްދީން ސްކޫލާއި ދެމެދު އޮންނަ ހުސްބިން, ދެ ފޮރޮޅުލީ އުޅަނދުތައް މި ސަރަޙައްދުގައި ޕާކްކުރެވޭނީ ބޮޑުތަކުފާނުމަގުންނާއި އަމީނީމަގުން ވަޑައިގެން މާފަތްތަކުރުފާނުމަގަށް (ސްޓޭޑިއަމްގެ ހުޅަގުމަގު) ވަދެވަޑައިގެން, މާފަތްތަކުރުފާނު މަގު ވަނީ 4 ފުރޮޅުލީ އުޅަނދަށާއި ދެ ފުރޮޅުލީ އުޅަދަށް ވަދެވޭގޮތަށް ދެ ކޮޅަށް ދުއްވާ ގޮތަށް ހަމަޖެހިފައެވެ.
މީގެއިތުރުން ސްޓޭޑިއަމް ތެރެ (ޓާފް ދަނޑުގެ ދެކުނަށް އޮންނަ ވެލި ދަނޑަށް) ގައިވެސް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު މި ސަރަޙައްދުގައި ޕާކްކުރެވޭނީ ދެ ފުރޮޅުލީ އަދި 4 ފޮރޮޅުލީ އުޅަނދަށެވެ.
މި ސަރަޙައްދަށް ޕާކްކުރުމަށް 4 ފުރޮޅުލީ އުޅަނދުތައް ދަތުރުކުރާނީ ބޮޑު ތަކުރުފާނުމަގު މެރީ ބްރައުން އާ ދިމާލަށް އައިސް ސްޓޭޑިއަމް ތެރެއަށް ވަނުމަށް ހަދާފައިވާ ގޭޓުންނެވެ. އަދި ދެ ފުރޮޅުލީ އުޅަނދުތައް ޕާކްކުރުމަށް މިސަރަޙައްދަށް ވަދެވޭނީ ހަނދުވަރީ ހިނގުން އަދި އިއްޒުއްދީން މަގު، އަމީނީ މަގުގެ ދެކުނު ފަޅިން ދެކުނަށް ދުއްވާފައި އައިސް ކަޅުތުއްކަލާކޮށި ކުރިމަތިން (އާޒާދީހިނގުން) އިރަށް ސްޓޭޑިއަމް އާއި ދިމާލަށް ގޮސް ސްޓޭޑިއަމްއަށް ވަންނަ ގޭޓުންނެވެ.
ފުލުހުން ބުނެފައިވަނީ ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމް ސަރަޙައްދުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ