ސްވިޑެންގެ ސިޔާސީ ހަރުކަށި ފިކުރުގެ މީހެއް ކަމުގައިވާ ރާސްމުސް ޕަލުޑެން މުސްޙަފެއްގައި ރޯކޮށްލައި ފުރައްސާރަކޮށް ހިންގި އަމަލު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފިއެވެ.
ރަސްމުސް ޕަލޫދާން މިއަމަލު ހިންގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ގާސިމް ކުރެއްވި ޓްވީޓެއްގައި ވަނީ ޝައްކެއްވެސް ނެތްގޮތުގައި ހިތްވަރު ދިނުމުގެ މިނުބައި ޢަމަލަކީ ދުނިޔޭގެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ އިޙްސާސްތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ޕަލުޑެން މުސްޙަފެއްގައި ރޯކޮށްލައި، މުސްލިމުންނާއި އިސްލާމީ އުންމަތަށް ފުރައްސާރަކޮށްފައި ވަނީ، ސްވިޑްންއިން ނޭޓޯގެ މެންބަރު ގައުމަކަށްވުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މި މުޒާހަރާ ބާއްވާފައި ވަނީ، ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައެވެ.
ސްވިޑެންގެ މި ޢަމަލު ދިވެހި ޚާރިޖިއްޔާއިންވެސް ވަނީ ކުށްވެރިކޮށްފައެވެ.
އެގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޖްތިމާޢި އެއްބައިވަންތަކަން ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި އެހެންނަމަވެސް، އިސްލާމްދީނަށް ފުރައްސާރަކޮށް ކުރާ އެފަދަ ޢަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތަކަށް ބުރުއަރާ ކަމަށެވެ.
އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގައި ނަފްރަތާއި ހަރުކަށި ފިކުރު އިތުރުކުރުވުމަށް މަގުފަހިވާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ސްވިޑެންގެ ސަރުކާރާއި ފުލުހުންގެ ފުރިހަމަ ތާޢިދާއެކު އިސްލާމް ދީނާއި މުސްލިމު އުންމަތަށް ފުރައްސާރަކުރުމުގެ ނިޔަތުގައި މި ފަދަ މުޒާހަރާއެއް ބާއްވަން ހުއްދަ ދިނުމުން ސްވިޑެންގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ސައުދީ އަރަބިއްޔާގެ އިތުރުން މެދު އިރުމަތީގެ މުސްލިމު ޤައުމުތައް ކަމަށްވާ ޖޯޑަން އަދި ކުވައިތުންވެސް ދަނީ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މިފަދަ ޢަމަލަކަށް ސްވިޑެންގެ ސަރުކާރުން ހުއްދަ ދީފައިވާތީ އެކަމުގެ ނުރުހުން ފާޅުކުރަމުންނެވެ.
ސްވިޑެންގައި ގުރުއާނަށް ފުރައްސާރަކޮށް ހިންގި ޢަމަލު ގާސިމް އިބްރާހީމް ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ