ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ. ވައިޓް އެލަރޓް ނެރެފައިވަނީ ހދ. އަތޮޅުން ފެށިން ފ. އަތޮޅަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 09:00 ން 15:00 އާ ހަމައަށެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރުކަމަށްވުމާ ގުޅިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
ވޭތުވެދިޔަ ސައްވީސް ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ އަތޮޅު ދިއްފުށްޓަށެވެ. އެއީ 16.5 މިލި މީޓަރުގެ ވާރޭއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ މ. މުލިއަށެވެ. އެއީ 15.5 މިލިލީޓަރުގެ ވާރޭއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ