ރެފްރީއަށް ހަމަލާދިނުމުން، އެފްއޭއެމުން ގުރައިދޫ ސްކޫލް ސަސްޕެންޑްކޮށްފި

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ 17 އަހަރުން ދަށުގެ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި ކަލާފާނު ސްކޫލާއި މާލެ އަތޮޅު ގުރައިދޫ ސްކޫލް ބައްދަލުކުރި މެޗަށްފަހު، ހަމަނުޖެހުން ހިންގައި، ރެފްރީއަށް ހަމަލާދިން މައްސަލައިގައި އެފްއޭއެމުން ގުރައިދޫ ސްކޫލް ސަސްޕެންޑްކޮށްފިއެވެ.
17 އަހަރުން ދަށުގެ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ގުރައިދޫ ސްކޫލްގެ ބައެއް ސަޕޯޓަރުންނާއި ބައެއް އޮފިޝަލުން އަދި ބައެއް ދަރިވަރުން ވަނީ މެޗު އިންސާފުކުރި ރެފްރީއަށް ހަމަލާދީ ދަނޑުގައި ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން، ރެފްރީ ކޮޓަރިއަށް ވަންނަންދެން ތަޅައި އަނިޔާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ހޯމަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ހިނގައިދިޔަ މިހަމަނުޖެހުމާއި ގުޅިގެން އެމައްސަލަ ބަލާނެކަމަށް އެފްއޭއެމުން ވަނީ އޭރު ބުނެފައެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުވެސް ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން، ސްކޫލްތަކުގެ ބެލެނިވެރި ވުޒާރާ، އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ހިނގާދިޔަ އެހަމަނުޖެހުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.
ވީނިއުސްއަށް ކަށަވަރުކުރެވިފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި އެފްއޭއެމުން ވަނީ މިމައްސަލައިގައި ގޮތެއް ނިންމާފައެވެ. މައްސަލަ ބެލި އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބުނާ ގޮތުގައި ސެމީ ފައިނަލް މެޗުގެ އޮފިޝަލުންނަށް ގުރައިދޫ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުން ހަމަލާދީފައިވާކަން އެނގެން އެބައޮތެވެ.
ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މިފަހަރު ގުރައިދޫ ސްކޫލުން އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަރ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިއަކަށް ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމުން ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރުމަށެވެ. އަދި އެފްއޭއެމުން ހިންގާ އެއްވެސް މުބާރާތެއްގައި ގުރައިދޫ ސްކޫލް ބައިވެރިވާނަމަ 10 މެޗު ހަމަވަންދެން ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމިިއެވެ.
މީގެ އިތުރަށް، ގުރައިދޫ ސްކޫލްގެ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިއަކަށް ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދޭންވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އެއީ، ހުސެއިން ރަޒީން، މޫސާ އައިލަމް އަދި ހަސަން ރަޒާންއެވެ.
ސްކޫލްތަކުގެ މެދުގައި ކުޅެވޭ ވާދަވެރި މިމުބާރާތުގައި، ހިނގައިދިޔަ ހަމަނުޖެހުން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މެޗު ނިމުމުން ދަނޑަށް އަރާ ސަޕޯޓަރުންގެ ބަޔަކުވަނީ ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތަކެއް ހިންގާފަކަމަށެވެ.
މިފަދަ މުބާރާތްތައްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާޢީ އަދި އަޚުލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޙަރަކާތްތަކެއްކަން ފާހަގަކޮށް މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިވާ ބޭފުޅުންގެ ފަރާތުންވެސް އެދެނީ ރިވެތި ނަމޫނާ ފެނިގެން ދިއުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ. މެޗު ނިމުމުން ސަޕޯޓަރުން ހިންގި ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް މިނިސްޓްރީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި މިފަދަ ޢަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސްޕޯޓަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެމެޗުގައި ރެފްރީ އިންސާފުކުރީ ހަމަހަމަ އުސޫލެއްގެ ތެރެއިން ނޫންކަމަށް ބުނެ، ގުރައިދޫ ސްކޫލްގެ ޓީމުގެ މެމްބަރުންނާއި އޮފިޝަލުން ވަނީ މެޗަށްފަހު ރެފްރީ ވަށާލައި، ރެފްރީއަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. މިއާއެކު ރެފްރީ ދަނޑުގެ ޕިޗު ދޫކޮށް ޗޭންޖިންގް ރޫމާ ދިމާލަށް ދުއްވައިގަތުމުން ވެސް އެ ފަރާތްތަކުން ވަނީ ރެފްރީގެ ފަހަތުން އައިސް، ހަމަލާދޭން މަސައްކަތްކޮށްފައެވެ. މިއާއެކު ދެން ފެނުނީ، ރެފްރީގެ ދިފާއުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓު) ދުވެފައި އައިސް، ރެފްރީގެ ގައިގައި އެ ފަރާތްތަކުން ޖެހިޔަ ނުދިނުމަށް މަސައްކަތްކުރި މަންޒަރެވެ. މި މަސައްކަތުގައި ނޫމާންއަށްވެސް އެކިވަރުގެ އަނިޔާތައް ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ ދެއްކީ، ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގައިގައި ހުންނަން ޖެހޭނެ ރިވެތި ޑިސިޕްލިންއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ނޫމާންއަކީ، ގުރައިދޫއަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމެވެ. އޭނާ ނުކުތީ އަމިއްލަ ރަށުގެ ރައްޔިތުންނާ ދެކޮޅަށް، ރެފްރީގެ ދިފާއުގައި، ފުޓުބޯޅައިގެ ރިވެތި އުސޫލު ދެމެހެއްޓުމަށް ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ