އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު ހަތް މަސް ފަހުން އަތުލައިގަނެފި

މާރާމާރީގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު ހަތް މަސް ފަހުން ފުލުހުން އަތުލައިގަނެފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގައިވާ ގޮތުން މާލެއަށް ނިސްބަތްވާ އެ މީހާގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު ހަދައިގެން މާރާމާރީ ހިންގުމާއި އަމަން ނަގާލުމުގެ ތުހުމަތެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށާއި ސީސީޓީވީ ފުޓެޖްގެ ސްނެޕްޝޮޓާއި ހާދިސާ ހިނގި މަންޒަަރު ފެނުނު މީހުންގެ ބަޔާން ފުލުހުން ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ. އެ ހެކިތަކުން އޭނާއަކީ ކުށްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއްކަން ފާހަގަކުރެވޭ ކަމަށް ވެސް އަމުރުގައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މާރާމާރީ ހިންގުމުގައި ހަތިޔާރެއް ގެންގުޅުނު ކަމަށް މަންޒަރު ފެނުނު ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ފުލުހުން ވަނީ، އޭނާއަކީ ގާތްގަނޑަކަށް ހަތް މަސް ވަންދެން ފިލައިގެން އުޅޭ މީހެއް ކަމަށާއި އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހުރި ގައުމުން ހައްޔަރުކޮށް ޑީޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއްގެ ގޮތުގައި، އޭނާއަކީ ފިލުމުގެ ނުރައްކާ މަތީ ދަރަޖައަޖަށް އޮތް މީހެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލައަކީ ގިނަ ބައެއް ހިމެނިގެން މާރާމާރީ ހިންގި މައްސަލައެއް ކަމަށް ވެފައި އޭނާއަކީ އަމަލީ ގޮތުުން އެކަމުގައި ބައިރިވި ފަރާތެއް ކަމަށްވާތީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
އެހެންވެ ކޯޓުން ނިންމީ ތަހުގީގު މަރުހަލާ ނިމެންދެން އެ މީހާ ބަންދުގައި ބެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ