"ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑާއެކު ސަޓާގެ 30 އެވޯޑެއް ރާއްޖެއަށް!

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާގެ 30 އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 8 ވަނަ އަހަރެވެ.
ސަޓާ އެވޯޑް އިފްތިތާހްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ސަޓާ އެވޯޑް ދިނުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ. މިއެވޯޑް ދިނުމުގެ ހަރަކާތް ކޮންމެ އަހަރަކުވެސް ކުރިއަށްދާއިރު، ދެކުނުގެ އޭޝިއާގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެއެވެ.
މިއަހަރުގެ ސަޓާ އެވޯޑް ހަފްލާ ބާއްވާފައިވަނީ ނޭޕާލްގެ ކަތަމަންޑޫގައެވެ. އެވޯޑް ހަފްލާ ބާއްވާފައިވަނީ ހުކުރު ދުވަހުއެވެ. މިއަހަރުގެ ސަޓާ އެވޯޑް ހަފްލާގައި ރާއްޖެއިން ވަނީ 30 އެވޯޑެއް ހާސިލްކޮށްފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެވޯޑަކީ ވިޒިޓާސް ޗޮއިސްގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑެވެ.
މީގެ އިތުރުން ރާއްޖެއިން ވަނީ 15 ގޯލްޑް އެވޯޑް އަދި 14 ސިލްވަރ އެވޯޑް ހާސިލްކޮށްފައެވެ. މީގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ކުންފުނިތަކުން ވަނީ އެވޯޑްތައް ހާސިލްކޮށްފައެވެ.
މިއަހަރުގެ ސަޓާ އެވޯޑް 144 ދާއިރާއަކުން ވަނީ ދީފައެވެ. އޭގެތެރޭގައި ހިމެނެނީ 51 ގޯލްޑް އެވޯޑާއި، 93 ސިލްވަރ އެވޯޑެވެ. މި އެވޯޑްތަކަށް 400 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާކަމަށް އިވެންޓް އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފައެވެ.
މިއަހަރުގެ ސަޓާ އެވޯޑަށް ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އިންޑިއާއިން ވަނީ ވާދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ