ރައީސް ޔާމީން ވަނީ ރާއްޖެ ދުނިޔެއާ އެކަހެރި ކޮށްފައި: ތޯރިގު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ ރާއްޖެ ދުނިޔެއާ އެކަހެރި ކޮށްފައި ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖީލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުން ގެންދާ ދަތުރުފުޅާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ޔާމީންގެ ދައުރުގައި އދގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާފައި ނުވާ ކަމަށެވެ.
އަދި މަލްޓިލެޓަރަލް ޑިޕްލޮމަސީއަށް އެއްވެސް ޝައުގުވެރިކަމެއް ފާޅުކުރައްވާފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 2015 ވަނަ އަހަރު ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް އަދި ޕެރިސް އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން އެއްވެވަޑައިގެންނެވިއިރުވެސް އޭރުގެ ރައީސް ޔާމީން އެތަނަށް ހާޒިރުވެވަޑައި ނުގަންނަވާ ކަމަށެވެ.
ލީޑަރުންނަކީ އެ ގައުމެއްގެ ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަށް މަގާމުތަކާއި އިސްކަންދޭ ކަންތައްތައް ތަމްސީލުކުރާ ބައެއް ކަމުގައި ވިޔަސް، ރައީސް ޔާމީން ވަނީ ދުނިޔޭގެ ސްޓޭޖުން ރާއްޖެ އެކަހެރި ކޮށްލާފައި ކަމަށް ތޯރިގު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލުގައި ތަގުރީރު ކުރެއްވި އެންމެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ވަނީ ފާހަގަކޮށްލެވޭ ތާރީހެއް ލިޔެފައި ކަމަށާއި ރާއްޖެއަކީ ދުނިޔެއަށް ހުޅުވިފައިވާ ގައުމެއްކަން ރައީސް މުއިއްޒު ދައްކުވައިދީފި ކަމަށެވެ.
”ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް އެންމެހާ ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް މިހުރީ ތައްޔާރަށް،“ މިނިސްޓަރު ވިދާޅުވިއެވެ.
ތޯރިގު އިތުރަށް ވިދާޅުވީ ގައުމީ މަސްލަހަތައް ބިނާކޮށް ކަންކަމުގައި ޖުމްލަ ހައްލެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަން ރައީސް މުއިއްޒު ދައްކުވައިދީފަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ