10 ކިލޯގެ ގޭސްފުޅި ވިއްކަން އަލުން ފަށައިފި

ކައްކާ ގޭހުގެ އާ ޝިޕްމަންޓެއް ލިބުމާ ގުޅިގެން، މޯލްޑިވް ގޭހުން 10 ކިލޯގެ ގޭސްފުޅިތައް މިއަދުން ފެށިގެން އަލުން ބާޒާރަށް ނެރެފިއެވެ. އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭހަށް ކުރިމަތިވި ގޭހުގެ ދަތިކަން ހައްލުވެ، މިހާރު އާންމު އުސޫލުން 10 ކިލޯގެ ފުޅި ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އީރާނަށް އަމާޒުވި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލި، އެ ތަކެތި ހޯދުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ދަތިތަކާ ގުޅިގެން ގޭހަށް އޮތް ޑިމާންޑު ބޮޑުވެ، މީގެ ކުރިން ގޭސް ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ޖެހުނު ނަމަވެސް، މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ވަނީ ގޭހުގެ އާ ޝިޕްމަންޓެއް ގެނެސްފައެވެ.
ގޭހުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން މި މަހުގެ ކުރީކޮޅު 10 ކިލޯގެ ފުޅީގެ ބަދަލުގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ފުޅިއެވެ. މިދިޔަ މަހުވެސް ހެޔޮ އަގެއްގައި 7 ކިލޯގެ ފުޅި ވިއްކާފައިވެއެވެ. ނަމަވެސް، ރޯދަމަހާ ދިމާކޮށް ގެނައި ޝިޕްމަންޓާއެކު 10 ކިލޯގެ ފުޅި ވިއްކަން ފެށިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ