ތާޕާ ނެތުމުގެ ހުސްކަން މެޗުން ފެނުނު: ނޭޕާލް

20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕް 2026ގައި ކުޅުނު ފުރަތަމަ މެޗުގައި މީގެ ކުރިން އެޓީމަށް މުހިންމު ކާމިޔާބީތަކެއް ހޯދައިދިން ޑިފެންޑަރ ލައްޗޫ ތާޕާ ނެތްތަން ދެއްކި ކަމަށާއި، އެކަމުގެ ސަބަބުން މިޑް ފީލްޑުގައި އުނދަގޫތަކާއި ކުރިމަތިވި ކަމަށް ކޯޗު އުރުޖަން ޝްރެސްތާ ބުނެފިއެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލުން ވަނީ 2-1 އިން ނޭޕާލުގެ މައްޗަށް ކުރި ހޯދާ ފެށުން ރަނގަޅުކޮށްފައެވެ.
އެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ނޭޕާލް ކޯޗު ބުނީ، ފުރަތަމަ މެޗުގެ އެޓޭކިންގައި ނުވަތަ ހަމަލާތައް އުފެއްދުމުގެ ބައި ދިޔައީ އޭނާ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށެވެ. އަދި މިޑް ފީލްޑުގައި ހުސްކަމެއް ފެނިގެން ދިޔަކަމަށެވެ. އެ މަގާމުގައި ރަނގަޅު ކުޅުމެއް ދެއްކުނު ނަމަ މިއަށްވުރެ ނަތީޖާ ރަނގަޅުވާނެ ކަމަށްވެސް ކޯޗު ބުންޏެވެ.
"ހުރިހާ ކުޅުންތެރިންނަކީވެސް ކީ ޕްލޭޔަރުން އެކަމަކު މިޑްފީލްޑަރ (ތާޕާ) ނެތުމުން، މިޑްފީލްޑްގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުން. އޭނާ ހުރިނަމަ މިއަށްވުރެ ނަތީޖާ ރަނގަޅުވާނެ" ކޯޗު ބުންޏެވެ.
ލައްޗޫ މިމުބާރާތުގައި ވާދަކުރުމަށް ދެކޮޅު ހަދާފައިވަނީ އޭނާއާއި އެކު ޓީމުގައި ކުޅެމުންދާ އޭނާގެ އެއްމާބަނޑު ބޭބެ ރާމް ތާޕާ އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރުމާއި ގުޅިގެން އޭނާއާއި އެކު އެގައުމަށް ބަދަލުވާން ބޭނުންވުމުންކަމަށްވެސް ކޯޗު ބުންޏެވެ.
ނޭޕާލުގެ ޒުވާން ޓީމުގެ އިތުބާރު ޑިފެންޑަރ ލައްޗޫއަކީ 2022 ވަނަ އަހަރު 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް އެޓީމު ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ނޭޕާލުގެ މުސުމާއި ރާއްޖޭގެ މޫސުމުގެ ތަފާތަކީ މިއަދުގެ މެޗުގައި ކުޅުންތެރިންނަށް އުނދަގޫތަކާއި ކުރިމަތިވި ކަމެއް ކަމަށާއި، މެޗުގެ ވަރަށް ކުރީކޮޅު ހުރިހާ ކުޅުންތެރިންގެ ކިބައިންވެސް ވަރުބަލިކަން ފެނިގެން ދިޔަކަމަށް ކޯޗު ބުންޏެވެ.
ރާއްޖޭގެ ހޫނު ގަދަ މާހައުލުގައި ކުޅުންތެރިންނަށް އުނދަގޫތަކާއި ކުރިމަތިވިނަމަވެސް ޖުމްލަކޮށް ބަލާއިރު ފުރަތަމަ މެޗުގެ ނަތީޖާއާއި މެދު ހިތްހަމަ ޖެހޭ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް ބައެއް މަގާމުތަކުގައި އެންމެ އެދެވޭ ކުޅުން ނުދެއްކުނު ކަމަށާއި، ދެން އަންނަ މެޗެއްގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށް ކޯޗު ބުންޏެވެ.
"އެޓޭކިން އެހާ ރަނގަޅެއް ނޫން. އިންޑިވިޗުއަލް ޕްލޭ ގިނަވެފައި ޓީމު ކޮންބިނޭޝަން ދަށްކޮށް މި މެޗުގައި ފެނުނީ. މިސް ފާސްތައްކަހަލަ މައްސަލަތައް ހުރި. ދެވަނަ މެޗުގައި މިކަންކަން ރަނގަޅު ކުރަން ފޯކަސް ބަހައްޓާނީ" ނޭޕާލްގެ ކޯޗު ބުންޏެވެ.
މެޗުގެ ފަށައިގެން ނޭޕާލްއިން ގިނަ އެޓޭކްތަކެއް ތަނަވަސްކުރަމުންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 5 ވަނަ މިނެޓުގައި ބޫޓާން ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. މި ލަނޑަކީ ބޫޓާން ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލުމުން ކީޕަރު އަތައްނެގުމާއެކު ލިބުނު ނުސީދާ ޖެހުމުން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ބޫޓާންގެ ތިންލޭ ޔެޒަރއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ.
ނޭޕާލްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފްގެ 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސުބާޝް ބަމްއެވެ. ސުބާޝް މިލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީއޭރިއާގެ ކަނާދިމާލުން ބޭރުން ލިބުނު ބޯޅައެއް ކީޕަރުގެ ނިއުޕޯސްޓް މަތީކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ.
މެޗުގައި ބޫޓާންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ބޫޓާންއިން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގެ ބޭނުންހިފާ ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ. މިއީ އެޓީމުގެ ކުޅުންތެރިން ވަރަށް ރީތިކޮށް ޕާސްޖަހާލައިގެން ނޭޕާލްގެ ޑިފެންސް ފޫއާޅުވާލާފައި ކާމިޔާބުކުރި ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ