"އަޅުގަނޑާ ދިމާކުރަން ބަޔަކު ފޮނުވީ އަބްދުﷲ ރިޔާޒު"

ކިނބިދޫގައި އިއްޔެ ބަޔަކު ހިތްހަމަނުޖެހުން ފާޅު ކުރީ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެގެން ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ. އެހެން ނަމަވެސް އަބްދުﷲ ރިޔާޒު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
"އަވަސް"އާ ވާހަކަދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ އަބްދުﷲ ރިޔާޒަށް ކިނބިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދީފައިވަނީ ޕީޕީއެމްގެ ވެސް ބުރަ މަސައްކަތުން ކަމަށާއި ނަމަވެސް އަބްދުﷲ ރިޔާޒު އަމަލު ކުރައްވާ ގޮތުގެ ސަބަބުން އެ ރަށަށް ބޮޑެތި ގެއްލުންވެ ރާވައިފައިވާ މަޝާރޫއުތައް ނުފެށި މަޑުޖެހިފައި ހުރި ކަމަށެވެ. އެހެންކަމުން އޭނާ އިއްޔެ އެ ރަށަށް ވަޑައިގަތީ ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެ ރަށުގެ ހާލަތު ދެނެގަތުމަށް ކަމަށް ރިޔާޒު ވިދަޅުވި އެވެ.
ރިޔާޒު އެ ރަށު ޕީޕީއެމް މެންބަރުންނާއި ބައްދަލުކޮށް ނިމުމަށް ފަހު ފުރަން އުޅެނިކޮށް އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކުރީ އެމްޑީޕީ ކައުންސިލަރަކާއި އިތުރު ތިން މީހެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި އެމީހުން އެކަން ކުރީ އަބްދުﷲ ރިޔާޒު ބުނެގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ސިޔާސީ މީހެއް ރަށަކަށް އައުމުން ލިބޭނެ އެންމެ ބޮޑު ތަރުހީބު އަޅުގަނޑަށް ލިބުން 150 އަކަށް މީހުން އަޅުގަނޑާއި އެކު އުޅުއްވި. އިދިކޮޅު ހަދައިގެން އުޅެނީ ހަތަރު މީހުން އެއީ އަބްދުﷲ ރިޔާޒު ފޮނުވި މީހުން ކަމަށް މިހާރު އެނގެނީ އޭނާގެ ޓްވީޓުތަކުންނާއި ޕޯސްޓުތައް ހުރި ގޮތުން. ނަމަވެސް އަޅުގަނޑު ކުރަން އައި މަސައްކަތްކޮށް ނިންމާފައި މި އައީ. އެމްޑީޕީ މީހުން އެގޮތަށް ކުރަން އުޅޭ އެއްވެސް ކަމަކަށް އަޅުގަނޑު ފަހެއް ނުޖެހޭނަން. އެފަދަ ކޮންމެ ކަމެއް ގިރާ ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.
ނަމަވެސް އެކަމައި ގުޅިގެން އަބްދުﷲ ރިޔާޒު އެކަން ދޮގު ކުރައްވައެވެ. އަބްދުﷲ ރިޔާޒު ވިދާޅުވީ އޭނާ އަކީ ހަމަ ނުޖެހުން ހިންގަން އެއްވެސް ބަޔަކަށް ބާރު އަޅާ މީހެއް ނޫން ކަމަށާއި އަދި އެފަދަ ކަމެއް ނުވެސް ކުރާނެ ކަމަށެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑަށް ތި ހަބަރު ލިބުނީ ވެސް ރޭގަ. ބޭރު ގައުމެެއްގައި އުޅެފަ މި އައީ. އަޅުގަނޑު ތިކަހަލަ މައްސަލަތަކެއް ޖައްސަން އެއްވެސް މީހެއް ކައިރީ ނުބުނަން،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
ކިނބިދޫއަށް ރިޔާޒު ވަޑައިގަތުމުން ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރީ 2004 ވަނަ އަހަރު ޝޯއެއް ދިނުމަށް އެ ރަށުގެ ޖަމިއްޔާގެ ބަޔަކު އެހެން ރަށަކަށް ގެންދިއުމަށްފަހު ދޭންޖެހޭ ފައިސާތަކެއް ނުދީގެން ކަމަށް ވެސް ވާހަކަ ފެތުރުނެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ އެ ޝޯއަށް 70،000 ރުފިޔާ އޭނާ ހަރަދުކޮށްފައިވާ ކަމަށާއި އެއްވެސް ފައިސާއެއް ނުދީ ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ