ގިސޯސް ހިފުމަށް އެންގެވީ ޤުރުއާނުގައި، އަމާންކަން ހޯދޭނީ އެކަން ކޮށްގެން: އުމަރު

ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ދެ ތިން މަސް ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށާއި، އެ ޙުކުމް ތަންފީޒު ކުރައްވަނީ ޤުރުއާނުގައި އަންގަވައިފައިވާތީ ކަމަށް ރިޔާސީ ކެންޑިޑޭޓް، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ”ރިޔާސީ ސިޔާސަތު“ ޝޯގައި ވާހަކަ ދައްކަވަމުން ރިޔާސީ ކެންޑިޑޭޓް ނަންބަރު އެކެއް، އުމަރު ވިދާޅުވީ ގިސޯސް ހިފުމަށް، ސީދާ ކީރިތި ޤުރުއާނުގައި، ވަރަށް ސާފުކޮށް އަންގަވައިފައިވާ ކަމަށެވެ. އެ ޙުކުމަކީ، އޭނާގެ ޙުކުމެއް ނޫން ކަމަށާއި، އެކަން ކުރަން އަންގަވައިފައިވަނީ ޤުރުއާނުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މަރުގެ ޙުކުމް އިއްވައި، ޝަރުޢީ ހުރިހައި މަރުހަލާއެއް ނިމިފައި ތިބި، ތިން މީހަކު ހުރިއިރު، އެ ޙުކުމްތައް ތަންފީޒު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރާނީ، މަރުވި މީހުންގެ އާއިލާއިން ރުހުން ދިނުމުންކަންވެސް ފާހަގަކުރެއްވިއެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރަން ބަލާއިރު، ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ވާހަކަ، ބައެއް ބޭފުޅުން ދައްކަވަނީ އެކަން ނުކުރަން ބަހަނާ ދެއްކެވުމަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 100 އިންސައްތަ ަރަނގަޅު ފަނޑިޔާރުގެއެއް ދުނިޔޭގައި ނެތް ކަމަށާއި، މަރުގެ ޙުކުމާއި ހަމައަށް ދާނީ، ޝަރުޢީ ތިން މަރުހަލާގެ ތެރެއިން 11 ފަނޑިޔާރުން ގޮތް ނިންމެވުމުން ކަމަށެވެ.
”ޤުރުއާނުގައި ވަރަށް ސާފުކޮށް އަންގަވައިފައި އޮތީ ގިސޯސް ހިފަން ޖެހޭނެ ކަމަށް، މީހަކު ހައްގަކާއި ނުލައި، އެހެން މީހަކު މަރައިފިއްޔާ، ވަލިއްޔުލްއަމްރުގެ މައްޗަށް މަޖުބޫރުވާނެ، އެ ގިސޯސް ތަންފީޒު ކުރަން، އާއިލާއިން މާފު ނުދޭހައި ހިނދެއްގައި. އާއިލާއިން މާފު ދީފިއްޔާ، ދެން ތަންފީޒު ކުރާކަށް ނުޖެހޭނެ.“
މަރުގެ އަދަބު ދީގެން ބަދަލެއް ނާންނާނެ ކަމަށް ބުނަނީ، ވަރަށް ”ލިބަރަލް“ ވިސްނުމެއްގެ ބަޔަކުކަން ފާހަހަގަކުރައްވައި އުމަރު ވިދާޅުވީ، އެއީ ހުޅަނގުން ފަތުރާ ވާހަަކައެއް ކަމަށެވެ. ޤުރުއާނުގައި ބަޔާންކޮށްފައިވާ ގޮތަށް ގިސޯސް ހިފައިގެން ނޫނީ، ރާއްޖެއަށް އަމާންކަން ނުގެނެވޭނެ ކަމަށް ވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރަން ބޭނުންވަނީ ގަޓު ހުރި، ތަހުގީގު ކުރަން ޖެހުނު ކޮންމެ ކަމެއް ތަހުގީގު ކުރަން ކެރިވަޑައިގަންނަވާ، ކަނާއަތުން ވާއަތް ކަނޑައިލަން ޖެހިއްޖެނަމަ، އެކަން ވެސް ކުރައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ ލީޑަރެއްގެ ހަރުކަށި ކަމާއި، އިހްސާންތެރިކަން ވެސް ހުންނަން ޖެހޭ ކަމަށާއި، ތައުލީމާއި ތަޖުރިބާ ވެސް ހުންނަން ޖެހޭނެ ކަމަށެވެ.
”އެހުރިހައި އެއްޗެއް އެއްވެގެން، ވެރިޔަކަށް ވެރިޔަކު ވަނީ.“ އުމަރު އިތުރަށް ވިދާޅުވިއެވެ.
އުމަރު ވަނީ ރާއްޖެއަށް މިހާރު ބޭނުންވަނީ ”ނޯ ނޮންސެންސް“ މީހެއް ކަމަށާއި، އެމީހަކީ އޭނާ ކަމަށް ވިދާޅުވެފައެވެ.
”މަސްތުވާތަކެތި، އަޅުގަނޑުގެ ވެރިކަމެއްގައި އުފުލައިފިއްޔާ، ބަޑި ޖަހާ ފައްތާލާނަން ކަނޑަށް އެ އެއްޗެހި.“
ސިޔާސީ ޕާޓީތައް ހަދައިގެން، ދިވެހީން ވޯޓު ދޭތާ 15 އަހަރުވީއިރު، ގައުމަށް އައި ތަފާތެއް ނުފެނުނު ކަމަށާއި، ތަފާތު އައީ ސިޔާސީ ބޭފުޅުންގެ ޖީބަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ