ތަހުގީގުތަކާމެދު ކަންބޮޑުވުން ފާޅުކުރަނިކޮށް ހޯމިސައިޑް ޑިޕާޓުމަންޓު ވެރިޔާގެ މަގާމުން ސާމިހު ވަކިކޮށްފި

ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ، ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް މަގާމުން ވަކިކޮށްފިއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާމިހު ހޯމިސައިޑް ޔުނިޓްގެ ވެރިޔާގެ މަގާމުން ވަކިކުރުމަށްފަހު، ބަދަލުކޮށްފައި ވަނީ ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމެންޓަށެވެ. ސަމީހް މަގާމުން ވަކިކޮށްފައިވަނީ، މިދިޔަ މަހުގެ 18ވަނަ ދުވަހު، އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރާ ގޮތާ ގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓިފައި ވަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން މައުލޫމާތު ހާމަކުރާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މީގެ އިތުރުން ޔުމްނުގެ އާއިލާއިން ވެސް ވަނީ ފުލުހުން ސައްހަ ނޫން މައުލޫމާތު ދޭ ކަމަށް ބުނެ، ސާމިހް މަގާމުން ވަކިކުރުމަށް ވެސް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ