ހަލާކުވެގެން މިދިޔަ އަހަރު 719,596 ނޫޓު ނައްތާލި!

ހަލާކުވެގެން ނުވަތަ ބޭނުން ނުކުރެވޭ ހާލަތުގައި ހުރި 719,596 ފައިސާގެ ނޫޓު ނައްތާލާފައިވާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ 2024 ވަނަ އަހަރީ ރިޕޯޓުން ދައްކާގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ނައްތާލި ނޫޓުތަކުގެ އަދަދު އިތުރެވެ. އެގޮތުން މިދިޔަ އަހަރު 719,596 ނޫޓު ނައްތާލިއިރު، 2023 ވަނަ އަހަރު ނައްތާލާފައިވަނީ 391،957 ނޫޓެވެ.
މިދިޔަ އަހަރު ނައްތާލި ނޫޓުތަކުގެ ފައިސާގެ އަގު 46.3 މިލިއަން ރުފިޔާއަށް އަރާއިރު، 2023 ވަނަ އަހަރު ނައްތާލި ނޫޓުތަކުގެ އަގު އުޅެނީ 22.9 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ހަލާކުވެގެން އެންމެ ގިނައިން ނައްތާލާފައިވަނީ 100 ރުފިޔާގެ ނޫޓެވެ. ދެން އެންމެގިނައިން ނައްތާލާފައިވަނީ، 20 ރުފިޔާގެ ނޫޓާއި، 10 ރުފިޔާގެ ނޫޓާއި، 50 ރުފިޔާގެ ނޫޓެވެ. އެންމެ މަދުން ނައްތާލާފައިވަނީ، 1000 ރުފިޔާގެ ނޫޓާއި، 500 ރުފިޔާގެ ނޫޓެވެ.
Advertisement
ރާއްޖޭގައި މިހާރު ބޭނުންކުރަމުންގެންދާ ނޫޓުތަކަކީ، 2016 ވަނަ އަހަރު ނެރުނު ޕޮލިމާ ނޫޓުތަކެކެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ރަންދިހަ ފަހެއް" ގެ ނަމުގައި ތައާރަފުކުރި މި ނޫޓުތަކުގައި ހިމެނެނީ، 10ރ. އާއި 20ރ. އާއި 50ރ. އާއި 100ރ. އާއި 500ރ. އަދި 1000 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ