ޓެރަރިޒަމަކީ ދީނެއް ނެތް ފިކުރީ ބައްޔެއް ކަމަށާއި އެ ބަލީގެ ހައްލަކީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ސައްހަ މައުލޫމާތާއި އިލްމު ފޯރުކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަނުން ބޭއްވި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ގުޅޭ 'މޮޑަރޭޝަން' ޕްރޮގްރާމް ފައްޓަވައިދެއްވަމުން، ޝަހީމް ވަނީ އެކަމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.
ޓެރަރިޒަމަކީ ފިކުރީ ބައްޔެއްކަން ސިފަކުރައްވަމުން ޝަހީމް ވިދާޅުވީ:
މި ބައްޔަށް އޮތް ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް
އިސްލާމީ ތާރީހާއި ހަލޯރަތުގައި އިލްމުވެރިންނާއި އިމާމުންނަކީ ހަމައެކަނި ޓީޗަރުން ނޫން ކަމަށް. އެކަމަކު އެއީ ރޫހާނީ އަދި އިޖްތިމާއީ ހަލަބޮލިކަމުގެ ތެތެރެިން މީހުންނަށް މަގުދައްކައިދިން ބައެއް ކަމަށް
އަދި ހިކުމަތްތެރި ބަސްތަކާ އެކު، މުޖުތަމައުގެ އެންމެ ކުރީގައި ތިބި ބެލެނިވެރިން ކަމަށް
އިސްލާމް ދީނުގައި ޓެރަރިޒަމްއަށް އެއްވެސް މިންވަރަކަށް ޖާގަ ނެތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
ފުރާނައެއް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ ބޮޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. އަދި އެންމެ ފުރާނައެއް ސަލާމަތް ކުރުމަކީ މުޅި އިންސާނިއްޔަތު ސަލާމަތް ކުރުމާ އެއްވަރުގެ ކަމެއް ކަމަށް
ހަނގުރާމައިގެ ހާލަތްތަކުގައި ވެސް އިސްލާމްދީނުގައި އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުން މަރައި، އެހެން ދީންތަކުގެ މީހުން ވެސް އެ މީހުން އަޅުކަން ކުރާ ތަންތަނުގައި މަރާލުން މަނާކޮށްފައިވޭ
"މި އިރުޝާދުތަކުން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އިސްލާމީ ހަލޯރަތުގެ ވެރިކަންކުރާ އުސޫލުތަކަކީ އަނިޔާވެރިކަމާއި ލޭއޮހޮރުވުން ނޫން ކަން. އަދި ރަހުމަތާއި ސުލްހަވެރިކަން ކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ޖިހާދާއި ޓެރަރިޒަމްގެ ތަފާތު އަހަރުމެންނަށް އެނގެން ޖެހެ އެވެ. ޝަރީއަތުގައި ޖިހާދަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި ވަކިވަކި މީހުންގެ މައްޗަށް އެކަން ދޫކޮށްލާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެކަން އޮންނަނީ ދައުލަތާއި ގައުމުގެ ވެރިމީހާގެ އަތްމަތީގައި ކަމަށް ވިދާޅުވި އެވެ.
"ޖިހާދުގެ ހިކުމަތަކީ ގައުމާއި ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމް ވަނީ ހުރިހާ ގޮތަކުން ވެސް މަނާކޮށްފައި." ޝަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުތައް އަދި ފިކުރީ ގޮތުން އުއްމަތް ރައްކާތެރިކުރުމަށް ސައުދީ އަރަބިއްޔާއިން ކުރަމުން އަންނަ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ.
ޓެރަރިޒަމްއަކީ ދީނެއް ނެތް ފިކުރީ ބައްޔެއް: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ