ކިޝަން ގަންގާ ކޯރެކޭ އެއްގޮތަށް ޗޭނަބު ކޯރުގެ ބަގްލިހާރު ޑޭމް މެދުވެރިކޮށް އިންޑިއާ ތެރެއިން ދައުރުވާ ފެން ވެސް ދައުރުވުން ހުއްޓާލުމަށް އިންޑިއާއިން ހުއްޓުވާލައިފި އެވެ.
ޖައްމޫގެ ރާމްބާން އަވަށުގައި ހުންނަ ބަގްލިހާރު ޑޭމް އާއި އުތުރު ކަޝްމީރުގެ ކިޝަން ގަންގާ ޑޭމްގެ ސަބަބުން ޕާކިސްތާނަށް ފެން ދައުރުވާ ވަގުތާއި މިންވަރު ކޮންޓްރޯލް ކުރުމުގެ ގާބިލުކަން އިންޑިއާއަށް ލިބިދެ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރާލި ހާދިސާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނަށް ޕްރެޝަރު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އެ ދެ ހައިޑްރޯ އިލެކްޓްރިކް މަޝްރޫއުއަކީ ވެސް މިހާރު އިންޑިއާއިން ޕާކިސްތާނަށް ޕްރެޝަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެކެވެ.
އިންޑިއާއިން ވަނީ 1960 ވަނަ އަހަރު ވޯލްޑް ބޭންކުގެ ބައިވެރިވުމާ އެކު އެކުލަވާލި ދަނޑުވެރި ކަމަށް ދޫކުރާ ފެނުގެ މުއާހަދާ މިހާރު ސަސްޕެންޑްކޮށްފަ އެވެ.
އިންޑިއާއިން ޕާކިސްތާނަށް ކުރިން ކަނޑައަޅާފައި ހުންނެވި ކުރީގެ ހައި ކޮމިޝަނަރު ސަތީޝް ޗަންދުރާ ވަނީ އެ ނިންމުމަށް ތައުރީފު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ފިޔަވަޅަކީ ދުރުވިސްނުމެއްގެ ތެރެއިން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. ޕާކިސްތާނު ފެނަށް ބަރޯސާވުން ވަރަށް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ރަނގަޅު ފިޔަވަޅެއް. މި މުއާހަދާއަކީ ޕާކިސްތާނަށް މާ ބޮޑަށް ދީލަތި މުއާހަދާއެއް. އިންޑިއާގައި އިންޑަސް ތައްޓަށް ވާރޭ ވެހޭ އޭރިއާގެ ގާތްގަނޑަކަށް %40 ފެނަކީ އިންޑިއާއަށް ވެހޭ ވާރޭ. އެކަމަކު އެ މުއާހަދާގެ ދަށުން އަޅުގަނޑުމެން ޕާކިސްތާނަށް %80 ފެން ފޯރުކޮށްދެމުން މިގެންދަނީ. އަދި އޭގެ ތެރެއިން އެންމެ %20 އަޅުގަނޑުމެން މި ބަހައްޓަނީ،" ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
ބަގްލިހާރު ޑޭމަކީ ޒަމާނުއްސުރެ އިންޑިއާ-ޕާކިސްތާނުގެ ފެނުގެ މައްސަލަތަކުގެ ވަރަށް ހައްސާސް ޕޮއިންޓެކެވެ. ނީލަމް ކޯރުން ފެން ބޭރުކުރާ ކިޝަންގަންގާ ޑޭމްގެ ސަބަބުން ވެސް ޕާކިސްތާނުން ވަނީ ޑިޕްލޮމެޓިކް އަދި ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިކޮށްފަ އެވެ.
ޗޭނަބް ކޯރުން ޕާކިސްތާނަށް ފޯރުކޮށްދޭ ފެން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ