ހުޅުމާލޭގައި ކޯރާޑިން ދިން ހަމަލާ: 2 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފު ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކޯރާޑިއަކުން ދިން ހަމަލާއާ ގުޅިގެން ބަންދު ކުރި ދެ މީހުން ވެސް ތަހުގީގު ނިންމައި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
ރުސްތުމް އިބްރާހީމް، 25، ހީނާމާގެ/ގދ. ފިޔޯރީ
ސައިފުﷲ ފައިސަލް، 19، ފިނިފެންމާގެ/ބ. ގޮއިދޫ
އޭގެ ތެރެއިން ސައިފުﷲ ވަނީ ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފަ އެވެ. ނަމަވެސް، އޭރު ރުސްތުމް ބަންދުކުރަން ކޯޓުން އަމުރުކުރީ ތިން ދުވަހަށެވެ.
ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރުސްތުމް ވެސް ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެެވެ.
އެ މާރާމާރީ ހިންގުމަށް ފަހު ފިލައިގެން ދަނިކޮށް އެ ދެ މީހުން ހައްޔަރު ކުރީ މާލެ-ހުޅުމާލެ ހައިވޭ މަތިންނެވެ.
އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރާއި ވަޅިއެއް ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެނގުން މުހިންމު - ފުލުހުން އިއްޔެ ބުނީ މާލޭގައި މި ދުވަސްވަރު ހިންގަމުންގެންދާ މާރާމާތީތަކާ ގުޅިގެން މިދިޔަ ދެ ދުވަހު ބަޔަކު ހައްޔަރުކޮށްފައިވާ ކަށެވެ. އޭގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ