މި އަހަރުގެ ހޫނު މޫސުމުގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، ލޯޑު ޕީކު 133 މެގަވޮޓަށް އަރާފާނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން ބުނެދީ، ސްޓެލްކޯއިން ކޮންމެ އަހަރަކު ވެސް މީޑިއާތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ބާއްވަ އެވެ.
ބުނީ ކީކޭ؟ - ސްޓެލްކޯގެ ޓްރެއިނިން ރޫމުގައި މިއަދު ބޭއްވި އެނާޖީ އެވެއާނަސް ސެޝަންގައި ސްޓެލްކޯގެ އިލެކްޓްރިކަލް އިންޖިނިއަރު ނިޝާރު ވިދާޅުވީ މިހާރު ޓްރެންޑަށް ބަލާއިރު މި އަހަރުގެ ހޫނު މޫސުމުގައި މީގެ ކުރީ އަހަރުތަކަށް ވުރެ ލޯޑު ޕީކު މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ލޯޑު ޕީކު ފެންނަ ގުރާފެއް ހިއްސާކުރައްވައި ނިޝާރު ވިދާޅުވި ގޮތުގައި މާލެ އާއި ހުޅުމާލޭގައި ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ގަޑިތައް ތަފާތެވެ. އެގޮތުން މާލޭގައި އާންމުކޮށް ޕީކަށް އަރަނީ މެންދުރު 2 ޖަހާލާއިރު އެވެ. އެއާ ހިލާފަށް ހުޅުމާލޭގައި ރޭގަނޑު 8 އާއި 10އާ ދެމެދު ވަރަށް ބޮޑަށް ލޯޑު މަތިވެ އެވެ.
މާލެ އާއި ހުޅުމާލޭގެ ލޯޑު އެއްކޮށްލުމަށް ފަހު ނިޝާރު ވިދާޅުވީ:
2023ގައި - ލޯޑު ޕީކު 102 މެގަވޮޓު
2024ގައި - ލޯޑު ޕީކު 112 މެގަވޮޓު
"މި އަހަރު 133 މެގަވޮޓަށް އަރާނެ ކަމަށް މި ބަލަނީ،" ނިޝާރު ވިދާޅުވި އެވެ.
"މި ބަލަނީ މި ކެމްޕޭންގައި ސްޓެލްކޯއިން ވެސް އާންމުކުރެވޭތޯ ކޮންމެ ދުވަހަކު ވެސް ލޯޑު ކާވް ފެންނަ ގޮތަށް. ހޫނުވީމަ އެ ތަންކޮޅު [ލޯޑު މަތިވާ ތަން] ފެންނަން ފަށާނެ."
މި އަހަރުގެ އެންމެ ހޫނު ދުވަސްވަރު ދިމާވަނީ ރޯދަ މަހާއި ސްކޫލް ބަންދު ދުވަސްވަރަށެވެ. ހޫނު މޫސުމުގައި 133 މެގަވޮޓަށް ލޯޑު ޕީކު އަރާނެ ކަމަށް ލަފާކުރި ނަމަވެސް، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޗުއްޓީއަށް ރަށްރަށަށް ހިނގައިދާނެތީ، ލޯޑު ޕީކު އެވަރަށް ނޭރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އެނގުން މުހިންމު - ސްޓެލްކޯއިން މިއަދު ބޭއްވި ސެޝަންގައި ކަރަންޓު ބޭނުން ކުރުމާއި، ހަރަދު ކުޑަކުރެވޭނެ ގޮތްތަކާއި އެ ނޫނަސް މުހިންމު މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
ހޫނު މޫސުން ފެށެނީ؛ މާލެ ސަރަހައްދުގެ ލޯޑު ޕީކު 133 މެގަވޮޓު ހުރަސްކޮށްފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ