އެސްޖޭއިން ހުޅުމާލޭގައި އަޅާ މިސްކިތް ޑިސެމްބަރަށް ނިންމަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޖޭ ކުންފުނިން އިމާރާތްކުރަމުން އަންނަ މިސްކިތުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހަށް ނިންމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހިޔާ ފުލެޓުތައް ކައިރީ އެ މިސްކިތް އަޅަން އެސްޖޭ ކުންފުންޏާ ހަވާލުކޮށްފައިވަނީ ޖަނަވަރީ 2022ގައެވެ. ހުޅުމާލޭގައި އަޅާ މިސްކިތްތަކުގެ އަދާހަމަ ހިއްސާކޮށް މިނިސްޓްރީން ވަނީ، މިހާރު އެސްޖޭ މިސްކިތުގައި ކުރިއަށްދަނީ ކޮންކްރިޓް އާކްތައް ހެދުމުގެ މަސައްކަތް ކަމަށާއި އަންނަ ޑިސެމްބަރު މަހަށް އެ ތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަޙުމަދު ސަލީމާއި، ހަފީޒާ އަހުމަދުގެ ފަރާތުން އަޅާ މިސްކިތުގެ ފިނިޝިން މަސައްކަތް ކުރަމުން އަންނައިރު، އަންނަ މެެއި މަހަށް އެ މިސްކިތުގެ މަސައްކަތް ނިންމޭނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އޭގެއިތުރުން، ހުޅުމާލޭގައި މިހާރު އަޅަމުން އަންނަ އިތުރު ތިން މިސްކިތެއްގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިންމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން، ފެޑޯ ޕްރައިވެޓް ލިމިޓެޑުން އަޅަމުން އަންނަ މިސްކިތުގައި މިހާރު ކުރިއަށް ދަނީ ކޮންކްރިޓް މަސައްކަތް ކަމަށްވާއިރު، ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގައި ސިމެންތި ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސަންފްރޮންޓުން އިމާރާތް ކުރާ މިސްކިތުގެ ކޮންކްރިޓް މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެސްޖޭ ކުންފުނިން ހުޅުމާލޭގައި މިސްކިތް އިމާރާތްކުރަނީ އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ