ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުދޭން ސިވެކްއާ އެކު އެމްއޯޔޫއެއް

އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ތަފްސީލު - ސިވެކްގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބައިރުއާ އެކު އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ މިއީ މަސައްކަތުގެ މާހައުލުގައި ވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ފައިދާކުރާނެ ޕްރޮގްރާމެއް ކަމަށެވެ. އޭގެ ހެކި ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި:
މިފަހުން މެދުވެރިވި ބައެއް ހާލަތްތަކުގައި ސްޓެލްކޯގެ ބައެއް މުވައްޒަފުން ރެސްކިއު އޮޕަރޭޝަންތައް ހިންގާފައި އެބަހުރި
އެގޮތުން، މޫދަށް ވެއްޓުނު މީހަކު ނަގާފައިވޭ
އަދި ސްޓެލްކޯގެ ތަކެތިން ވައްކަންކުރަން ވަތް ބައެއް މީހުންނާ މުވައްޒަފުން ކުރިމަތިލާފައިވޭ
"އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިން ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގައި މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލިއިރުގައި، ދަންނަވަންތޯ، ހުރިހާ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެން މި ހިންގި ލީޑަޝިޕް ޓްރެއިނިން ޕްރޮގްރާމްގައި ޓްރެއިނިން ލިބިފައި ތިބި މުވައްޒަފުން،" ފަހުމީ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް މިހާރު ކުރިއަށް ގެންދާ ލީޑަޝިޕް އެންހޭންސްމަންޓް ޕްރޮގްރާމު މިހާތަނަށް 668 މުވައްޒަފުން ފުރިހަމަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މިއަދު ސޮއިކުރި އެމްއޯޔޫގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުން ކަމަށެވެ.
އެމްއޯޔޫގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުން ތަމްރީނު ކުރާނެ ދާއިރާތަކަކީ:
ބޭސިކް ފަސްޓް އެއިޑް
ފަޔާ އެވެއާނެސް
އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯސް
ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން
 ސުވިމިން އެންޑް ރެސްކިއު
ލައިފް ކޯޗިން
މީގެ އިތުރުން ފަޔާ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ގާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ސިވެކް އިން ސްޓެލްކޯއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ