ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޭޖެންސީ އިން މިފަދައިން އިލްތިމާސްކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ https://t.co/A0zz3pEFrP ގެ ލިންކު މެދުވެރިކޮށް ނުވަތަ IQAir Visual އެޕް މެދުވެރިކޮށް ވައި ނުސާފު މިންވަރަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.
އެޗްޕީއޭ އިން ވަނީ މިފަދައިން އިލްތިމާސްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދީފައެވެ. ތިން ސަމާލެއްގެ ހާލަތްތަކުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދީފައިވެއެވެ.
ރީނދޫ ސަމާލުގެ ހާލަތަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ހާލަތެއް ކަމަށާއި ވުމާއެކު އެ ފަދަ ދުވަސްތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި މީހުން ބޭރުގައި އުޅުމުން ދުރުހެލުވުމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. މި ސަމާލުގެ ހާލަތުގައި އެޗްޕީއޭއިން އިލްތިމާސްކޮށްފައިވަނީ:
- ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުން.
- ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތައް ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުން.
- ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- އެއާ ޕިއުރިފަޔާ ބޭނުންކުރުން.
އޮރެންޖު ސަމާލުގެ ހާލަތްތަކުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ހާލަތެއް ކަމަށާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަކީ ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުން ގެ އިތުރުން އެލާޖީ މައްސަލަ ހުންނަ މީހުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. މި ސަމާލުގެ ހާލަތުގައި އެޗްޕީއޭއިން އިލްތިމާސްކޮށްފައިވަނީ:
- ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑު ޖައްސާލުން.
- ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުން.
- ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- އެއާ ޕިއުރިފަޔާ ބޭނުންކުރުން.
ރަތް ސަމާލު ގެ ހާލަތުގައި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑު ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. މި ސަމާލުގެ ހާލަތުގައި އެޗްޕީއޭއިން އިލްތިމާސްކޮށްފައިވަނީ:
- އެންމެންވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން.
- އެންމެންވެސް ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުން.
- ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- އެއާ ޕިއުރިފަޔާ ބޭނުންކުރުން.
މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާން ވަނީ ފަށާފައިކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ