ތުލުސްދޫގައި 11.9 މިލިއަން ރުފިޔާއަށް އައު އިންޖީނުގެއެއް އަޅަނީ

ކ. ތުލުސްދޫގައި 11.9 މިލިއަން ރުފިޔާއަށް އައު އިންޖީނު ގެއެއް އަޅަން ހަވާލުކޮށްފިއެވެ. އެކަމަށް ޚާއްސަކޮށް، ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާއި މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ރާފިއުއެވެ. އެގާރަ މިލިއަން ރުފިޔާއަށް ސަންވިލް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 175 ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ ސްޓެލްކޯއަށް މުހިންމު ރަށެއް ކަމަށެވެ. އެއީ، ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހު، މާލޭން ބޭރުން ފުރަތަމަ ޚިދުމަތް ދޭން ފެށީ އެ ރަށަށް ކަމަށްވާތީ ކަމަށް ފަހުމީ ވިދާޅުވިއެވެ. ތުލުސްދޫގައި 11.9 މިލިއަން ރުފިޔާއަށް އައު އިންޖީނުގެއެއް އަޅަނީ --- ފޮޓޯ/ ސްޓެލްކޯ "ތުލުސްދޫގައި މިހާރު ވެސް ހިނގަމުން އެދާ ޕަވާ ހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވާހައުސްއެއް. އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވާހައުސްއަކަށް ވާތީ މީހުންނަށް އެންމެ ފަސޭހަކޮށް އާބަން ސެންޓާސްތަކާ ދުރުގަ ޕަވާހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވާހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފަވާ ސަރަޙައްދަށް. އެހެންވީމަ އެކަމަށް ޓަކައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ. އެއާއެކު، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، ތުލުސްދޫއަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގައި ދަތިތަކެއް މިހާރު ދިމާވާ ކަމަށެވެ. އެހެންވެ، އަލަށް އިމާރާތްކުރާ އިންޖީނުގެއާ އެއްކޮށް ހުރިހާ ކަމެއް ހައްލުވާނެ ކަމަށް ނަސީމް އުންމީދުކުރައްވައެވެ. "މި ދަންނަވަނީ އާންމު ދިރިއުޅުމުގަ ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ޙާލަތެއްގައި. ހަމަ ވަރަށް ރަނގަޅު ޙާލަތެއްގައި ކަރަންޓު އޮތީ. އެހެން ނަމަވެސް މި ޢީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސައި، އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެވެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ،" ނަސީމް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ފަހުމީ އަދި، މެންބަރު ނަސީމްގެ އިތުރަށް ސްޓެލްކޯގެ އިސް ވެރިންނާއި އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ