އެލްނީނޯ ކުރިމަތިވާއިރު، މޫސުމީ ބެލެންސް ރެކޯޑް މިންވަރަކަށް ގެއްލިއްޖެ: އދ.

ދުނިޔޭގެ މޫސުމީ ނިޒާމަށް އަންނަމުންދާ ބަދަލުތައް މިހާރު ހުރީ ރެކޯޑް ކުރެވިފައިވާ ތާރީހުގައި ވެސް ހުރި މިންވަރަށް ވުރެ ބޮޑަށް ބެލެންސް ގެއްލިފައި ކަމަށާއި، މީގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވަމުން ދިއުން ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) އިން މިއަދު ބުނެފި އެވެ.
އދ.ގެ މި އިދާރާއިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔެއިން ބޭރުކުރާ ހަކަތައަށް ވުރެ ދުނިޔެއަށް ދަމައިގަންނަ ހަކަތައިގެ މިންވަރު މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކަނޑުތަކުގެ ހޫނުމިން މަތިވެ، އައިސް ވިރި، މޫސުމީ ގޮތުން ނުރައްކާތެރި ހާދިސާތައް ދަނީ އިތުރުވަމުންނެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، މޫސުމީ ބަދަލުތައް ދައްކައިދޭ ހުރިހާ ނިޝާންތަކަކުން ވެސް މިހާރު ފެންނަނީ ނުރައްކަލުގެ ރަތް ސިގްނަލް ކަމަށެވެ. އަދި ދުނިޔެ މިހާރު އޮތީ އޭގެ ކެތްތެރިކަމުގެ މިންގަނޑަށް ވުރެ ބޭރުގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ ހޫނުމިން ހުރީ ރެކޯޑް މިންވަރެއްގަ އެވެ. އެގޮތުން، މިދިޔަ އަހަރަކީ ސިނާއީ އިންގިލާބުގެ ކުރީގެ މިންގަނޑަށް ވުރެ 1.43 ޑިގްރީ ސެލްސިއަސް މަތީ އަހަރެއްގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފަ އެވެ. މިއީ ތާރީހުގައި ވެސް ދުނިޔެ އެންމެ ބޮޑަށް ހޫނުވި ތިން އަހަރުގެ ތެރެއިން އެއް އަހަރެވެ. ފާއިތުވި 11 އަހަރަކީ 1850 ވަނަ އަހަރުން ފެށިގެން ބަލާއިރު ދުނިޔެ އެންމެ ހޫނުވި 11 އަހަރެވެ.
މޫސުމަށް އަންނަ މި ބަދަލުތަކުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ޑަބްލިއުއެމްއޯ އިން ފާހަގަކުރަނީ ޖައްވުގައި ކާބަން ޑައިއޮކްސައިޑް ފަދަ ގޭސްތައް އިތުރުވުމެވެ. މިއީ ފާއިތުވި ދެ މިލިއަން އަހަރުގެ ތެރޭގައި ވެސް މި ގޭސްތައް ޖައްވުގައި އިތުރުނުވާ މިންވަރެކެވެ. އިތުރުވާ ހޫނުގެ %90އަށް ވުރެ ބޮޑު ބައެއް ދަމައިގަންނަނީ ކަނޑުތަކުންނެވެ. މީގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، ތޫފާންތައް ވަރުގަދަވެ، ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
"އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ގުދުރަތީ ބެލެންސް މިވަނީ ވަރަށް ބޮޑަށް ގެއްލިފައި. މީގެ ނަތީޖާއާ ކުރިއަށް އޮތް އެތައް ސަތޭކަ އަހަރަކަށް އަދި ހާސް އަހަރަކަށް އަހަރެމެން ކުރިމަތިލާން ޖެހޭނެ،" ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސައުލޯ ވިދާޅުވި އެވެ.
މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކާއި ޑެންގީ ފަދަ ބަލިތައް ފެތުރުން ވެސް ވަނީ އިތުރުވެފަ އެވެ. ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި، ކުރިއަށް އޮތް އެލްނީނޯގެ މޫސުމާ އެކު ދުނިޔޭގެ ހޫނުމިން އާ ރެކޯޑްތަކަކަށް އުފުލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ