2021 ވަނަ އަހަރަށްފަހު ސަރަހައްދީ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް މުބާރާތް ރާއްޖޭގައި ބާއްވާއިރު މިއީ ރައީސުލްޖުމްހޫރިއްޔާ ދެއްވި އަހަމިއްޔަތުކަމާއެކު، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކުޅިވަރަކުން ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ، އުނދަގޫ ހާލަތެއްގައި އޮވެ ފުޓްބޯޅަ އަލުން އިއާދަކުރުމަށް މަސައްކަތްކުރާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ މި ލވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ ކަމެއްކަމަށެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމްގެ އިންތިހާބު ބޭއްވި، އެފްއޭއެމް ހިންގަން ފެށިކަމުގައި ވީނަމަވެސް ވަރަށް ބައިވަރު ގޮންޖެހުންތަކެއް އެބަހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވިގެން ދާއިރު ރައީސުލްޖުމްހޫރިއްޔާ މިކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފުޓްބޯޅައަކީ ރާއްޖޭގައި އަދިވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުން އެންމެ މަގުބޫލު ކުޅިވަރު ކަމަށާއި، ފުޓުބޯޅަ ނަގާ ކޮޅަށް ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ފުޓުބޯޅަ ދެއަހަރެއްހާ ދުވަހު ހަމަ އެއްގޮތަކަށްވެސް ނުކުޅެ އޮވެފަ މިކަމެއް އަޅުގަނޑުމެންނާއި ކުރިމަތިވީ. ވަރަށް ގިނަ މަސައްކަތްތަކެއް އެކިއެކި ބޭފުޅުން ކުރައްވައިގެން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދެއްވި އަހަންމިއްޔަތުކަން ވަރަށް ބޮޑުކަން ފާހަގަކޮށްލަން. ކުލަބުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުވައްސަސާތަކާއި ވާހަކަފުޅުދައްކަވައިގެން ފުޓުބޯޅަ އަލުން އިޔާދަ ކުރެއްވުމަށްޓަކައި ކޮށްދެއްވާފަ ހުރި މަސައްކަތް ވަރަށްގިނަ" ވަޒީރު ވިދާޅުވިއެވެ.
ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު، ފާއިތުވި އަހަރު ދިވެހި ފުޓުބޯޅަ ސީޒަން އަލުން ފެށުމަށް، ފުޓްބޯޅަ އެސޯސިއޭޝަނުން، ކުލަބުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވެން ނެތުމުން ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް 1 ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި އެފްއޭއެމް ހިންގާނެ އިމާރާތެއް ނެތުމުން ގަލޮޅުދަނޑުގައި ވަގުތީ އޮފީހެއް ހިންގުމުގެ އިންތިޒާމުތައް ހަމަޖައްސައިދީ ގައުމީ ޓީމުތަކުގެ ފެންވަރު މަތިކުރުމަށް ބައިނަލްއަގްވާމީ ކޭމްޕުތައް ބާއްވައި، ގައުމީ ޓީމަށް ބޭރުގެ ކޯޗެއް ހަމަޖައްސައިދީ މާލީ ގޮތުން ގިނަ އެހީތަކެއް ސަރުކާރުން އެފްއޭއެމަށް ފޯރުކޮށްދީފައިވެއެވެ.
ފުޓުބޯޅަ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ މަސައްކަތަކާއި ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ ފުޓުބޯޅައިގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ދީފައި ހުރި ބިންތައް ބޭނުންކުރުމަށް މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"4 އަހަރަށްފަހު ބޮޑު މުބާރާތެއް، ރައީސް ދެއްވި އަހަމިއްޔަތުކަން ބޮޑު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ