ޕާކިސްތާނު ޑޭ ގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

"ޕާކިސްތާނު ޑޭ" ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށާއި، އެޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ ރައީސް ޢަލީ ޒަރްދާރީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެޤައުމާއި ސަރަޙައްދުގެ ތަރައްޤީއަށް އިސްކަންދެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ ދެމެދުގައްޔާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި 1966 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ޤާއިމުކުރެވުނީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތްގުޅުމެއް އުފެދިފައިވާ ކަމަށާއި، ދެޤައުމަށްވެސް ފައިދާކުރަނިވި ކަންކަމުގައި ބިނާކުރަނިވި ގޮތެއްގައި ބައިވެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުމާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން މުހިއްމު ހިއްސާއެއް އަދާކުރާކަން ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދެޤައުމުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުން ބިނާވެގެންވަނީ، އިސްލާމީ ޢަޤީދާއާއި، އަދި ދެޤައުމުންވެސް، ތަރައްޤީއާ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާވެރިކަމަށާ، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ކޮންމެ އަހަރަކުވެސް މާރިޗު މަހުގެ 23ވަނަ ދުވަސް، "ޕާކިސްތާނު ޑޭ"ގެ ގޮތުގައި ފާހަގަ ކުރަނީ 1940 ވަނަ އަހަރުގެ ލާހޯރު ރިޒޮލިއުޝަނާ ގުޅުވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ