އީރާނަށް ހަމަލާދިނުން ޓްރަމްޕް ފަސްކުރެއްވުމާ ގުޅިގެން ތެލުގެ އަގު 13 އިންސައްތަ ދަށަށް

އީރާނުގެ ކަރަންޓު އުފައްދާ ކާރުޚާނާތަކާއި ހަކަތައާ ގުޅޭ މަރުކަޒުތަކަށް ހަމަލާދިނުން ފަސްކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 13 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެއެވެ. މިއަދު ޖީއެމްޓީން 11:08 ހާއިރު، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ ފީފާއަކުން 17 ޑޮލަރު (15 އިންސައްތަ) ދަށަށް ގޮސް، ފީފާއެއްގެ އަގު 96 ޑޮލަރަށް ވެއްޓިފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު ވަނީ 13 ޑޮލަރު (13.5 އިންސައްތަ) ދަށަށް ގޮސް، ފީފާއެއްގެ އަގު 85.28 ޑޮލަރަށް ވެއްޓިފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނަށް ދޭން ރާވާފައިވާ އަސްކަރީ ހަމަލާތައް ފަސްދުވަހުގެ މުއްދަތަކަށް ފަސްކުރެއްވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމާ ގުޅޭގޮތުން އީރާނާއެކު "ވަރަށް ރަނގަޅު އަދި އުންމީދީ" މަޝްވަރާތަކެއް ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އެމެރިކާއާ އެކު ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ވެސް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް ބުނެފައެވެ. މިދިޔަ ހަތަރު ހަފުތާއެއްހާ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މީގެ ކުރިން ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި ހުރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާނުގެ ކަރަންޓު އުފައްދާ އެންމެ ބޮޑެތި މަރުކަޒުތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ތެލުގެ އަގު ކުއްލިއަކަށް މިހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މެދުއިރުމަތީގެ މަސްރަހު ފިނިވެ، ތެޔޮ ސަޕްލައިކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމުގެ އުންމީދު އިންވެސްޓަރުންނަށް ލިބުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ